އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިން މާސް ޕްލެނެޓަށް ފޮނުވާލި ޖައްވީ މިޝަން ރޯވާ "ޕާސިވަރެންސް"، ކާމިޔާބު ކަމާއެކު އެ ޕްލެނެޓްގެ ސަތަހައަށް ތިރިކޮށްފިއެވެ.

ޖީއެމްޓީ ގަޑިން ރޭ 20:55 ގައި "ޕާސިވަރެންސް" ރޯވާ ތިރިކޮށްފައި ވަނީ، މާސްގެ އީކުއޭޓަރާ ދާދި ކައިރީގައި އުފެދިފައި އޮތް (ޖެޒީރޯ) ވަޅުގަނޑަކަށް ކަމަށް ހަބަރު ލިބެއެވެ.

އެމެރިކާގެ ޖައްވީ އިދާރާ - ނާސާއިން ބުނީ މިއީ ހާއްސަ މުނާސަބާއެއް ކަމަށާ، އެހެނީ، މީގެ ކުރިން ގޮސްފައި ނުވާ ހިސާބަކަށް ދުނިޔޭގެ މަންދޫބަކު ޒިޔާރަތް ކުރާތީ ކަމަށެވެ.

ނާސާގެ ޖައްވީ އުޅަނދު ޕާސިވަރެންސް ރޯވާ / ފޮޓޯ: ނާސާ

މިޝަންގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖާ، ވެޓް ވޮލަސް ވިދާޅުވީ، އުޅަނދު އޮތީ ރަނގަޅު ހާލެއްގައި ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

6 ފުރޮޅުލީ "ޕާސިވަރެންސް" ރޯވާ، ކުރިއަށް އޮތް2 އަހަރެއްހާ ދުވަސް ހޭދަ ކުރާނީ، މާސްގެ ސަތަހަ ތޮރުފައިގެން، ކުރީގެ ދިރުންތަކާ ބެހޭ މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައެވެ.

ސައެންސްވެރިން ގަބޫލުކުރާ ގޮތުގައި، މީގެ އެތައް ބިލިއަން އަހަރެއް ކުރިން، ޖެޒީރޯގައި ބޮޑު ކޯރެއް އޮތެވެ. އެހެން ކަމުން، އެތަނުގައި ދިރުންތަކެއް ވުން އެކަށީގެންވާ ކަމަށް ބަލައެވެ.

"ޕާސިވަރެންސް" ރޯވާއިން މިހާރު ވަނީ ދުނިޔޭގެ ބިމަށް 2 ފޮޓޯއެއްވެސް ފޮނުވާފައެވެ.

ނާސާގެ ޖައްވީ އުޅަނދު ޕާސިވަރެންސް ރޯވާގެ މާސް މިޝަންއިން ދުނިޔޭގެ ބިމަށް ފޮނުވި ތަސްވީރެއް / ފޮޓޯ: ނާސާ

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ، މި ތާރީހީ ކާމިޔާބީ ފާހަގަ ކުރައްވާ، ޓީމުގެ ހުރިހާ މެންބަރުންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި މިކަމަކީ، ސައެންސްގެ ދުނިޔޭގައި އެމެރިކާއަށް ލިބިފައިވާ ބާރުގައި ހަގީގީ ކުލަ ޖެއްސިދާނެ ކަން އަންގައިދޭ ކަމެއްގެ ގޮތުގައި ބައިޑަން ވަނީ ސިފަކުރައްވާފައެވެ.

އެތަނެއްގެ ފުރިހަމަ ދިރާސާ ކުރުމަށް "ޕާސިވަރެންސް" ރޯވާ ހަރަކާތްތެރި ވަމުން ދާ ޖެޒީރޯ ކްރޭޓާއަށް ނަން ދީފައި ވަނީ، ބޮޒްނިއާ-ހެޒަގޮވީނާގެ އަވަށަކަށް ނިސްބަތް ކޮށެވެ. ވާހަކަ ދައްކާ އުޅުމަށް ބޭނުން ކުރާ ބައެއް ބަސްތަކުގައި "ޖެޒީރޯ"ގެ މާނައަކީ ލޭކް ނުވަތަ ކޯރެވެ.

"ޕާސިވަރެންސް" ރޯވާއިން ކުރިއަށް ގެންދާ ދިރާސާއިން އެއްކުރާ ސާމްޕަލްތައް ހާއްސަ ޓިއުބަކަށް އެޅުމަށްފަހު މާސްގެ ސަތަހާގައި ބަހައްޓާނެއެވެ. މި ތަކެތި ބަލާ ދިއުމަށް ނާސާއާއި ވިލާތުގެ ޖައްވީ އިދާރާއިން ދަނީ އެތައް ބިލިއަން ޑޮލަރެއްގެ މަޝްރޫއެއް ހިންގަމުންނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން، ނާސާގެ ޖައްވީ އުޅަނދު ޕާސިވަރެންސް ރޯވާ، މާސްއަށް ތިރިކުރި މަންޒަރު ބައްލަވާލައްވަނީ / ފޮޓޯ: ޓްވިޓާ

10 އަހަރު ދުވަހުގެ މަސައްކަތަށް ފަހު ނާސާއިން މާސް ޕްލެނެޓަށް ފޮނުވާލި "ޕާސިވަރެންސް" ރޯވާގެ އިންޖީނުގެ ބައެއްގައި، މުޅި ދުނިޔޭގެ މެޑިކަލް ކޮމިއުނިޓީ ރަމްޒުކޮށްދޭ ރަމްޒީ ނިޝާނެއް ބޭނުން ކުރާނެ ކަމަށް ނާސާއިން ކުރިން އޮތީ ހާމަކޮށްފައެވެ. އެއީ މިޝަން އުދުއްސާލި މި ދަނޑިވަޅަކީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ އިނދަޖެހި، ސިއްހީ ހިދުމަތްތެރިންގެ ބޭނުން އިންތިހާއަށް ބޮޑުވެފައިވާ ވަގުތަކަށް މި ދަނޑިވަޅުވީތީއެވެ.

ނާސާގެ ޖައްވީ އުޅަނދު ޕާސިވަރެންސް ރޯވާގެ މާސް މިޝަންގައި ބޭނުން ކުރާ ލޯގޯ / ފޮޓޯ: ނާސާ

ޖައްވީ މިޝަން ރޯވާ "ޕާސިވަރެންސް"ގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖާ މެޓް ވޮލަސް ވިދާޅުވީ، މިއީ އަމިއްލަ ފުރާނަ ނުރައްކަލަށް ލައިގެން އެހެން މީހުންގެ ފުރާނަ ސަލާމަތް ކުރުމުގެ ހިދުމަތުގައި ގުރުބާން ވަމުންދާ ސިއްހީ ހިދުމަތްތެރިންގެ ޝަރަފުގައި، ނާސާއިން އެ ހިދުމަތްތެރިންގެ އަގު ވަޒަންކުރާކަން އަންގައިދިނުމަށް ކުރާ ކަމެއް ކަމަށެވެ. މިއީ ކުރިއަށް އޮތް ޖީލުތަކަށް މި ރޯވާ ފެންނަ ހިނދު، އެފަދަ ބޮޑު ގުރުބާނީއެއްވި އިންސާނުންތަކެއް މި ދުނިޔޭގެ ފަސްގަނޑުގައި ވަޒަންވެރިވެ އުޅުނުކަން ހަނދާންކޮށްދީ، އަންގައިދިނުމުގެ މަގުސަދުގައި ކުރާ ކަމެއް ކަންވެސް ވޮލަސް ވަނީ ފާހަގަކުރައްވާފައެވެ.

ނާސާގެ ޖައްވީ އުޅަނދު ޕާސިވަރެންސް ރޯވާގެ މާސް މިޝަން ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ހިޔާލީ ތަސްވީރެއް / ފޮޓޯ: ބީބީސީ

މިއީ އެމެރިކާއިން މާސްއަށް މިފަދަ އުޅަނދެއް ތިރި ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. 2012 ވަނަ އަހަރު، ތަފާތު ވަޅުގަނޑަކަށް، "ކިއުރިއޯސިޓީ"ގެ ނަމުން ނަން ދީފައި އުޅަނދެއް ވަނީ ތިރިކޮށްފައެވެ.