އޮސްޓްރޭލިއާގެ ގާނޫނު ހަދާ މަޖިލީހުގެ އިދާރާގައި އަންހެނަކު ރޭޕް ކުރިކަމަށް ބުނާ މައްސާލަގައި، ބޮޑުވަޒީރު ސްކޮޓް މޮރިސަން މައާފަށް އެދިވަޑައިގެންފިއެވެ.

ރޭޕްގެ ޖަރީމާ ހިންގި މީހެއްގެ ނަން ހާމަ ކޮށްފައި ނުވާއިރު، ބޮޑުވަޒީރު މޮރިސަން ވަނީ، މިމައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގަވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ރޭޕްގެ ޖަރީމާ ހިންގާފައި ވަނީ، ދިފާއީ ވަޒީރު ލިންޑާ ރެނާލްޑްސްއަށް ހާއްސަ ކޮށްފައިވާ އޮފީހުގައި ކަމަށާ، މާޗް 2019ގައި މި އަމަލު ހިންގީ، މޮރިސަންގެ، ވެރިކަން ކުރާ ލިބަރަން ޕާޓީއަށް މަސައްކަތް ކޮށްދޭ މީހެއް ކަމަށްވެސް އެ އަންހެން މީހާ ވަނީ ބުނެފައެވެ.

އޮސްޓްރޭލިއާގެ މީޑިއާއާ ވާހަކަދައްކަމުން އެ އަންހެން މީހާ ބުނީ، ޖަރީމާ ހިންގި އަހަރުގެ އޭޕްރިލް މަހުވެސް ފުލުހުންނާ އެ މައްސަލާގައި ވާހަކަދައްކާފައި ވާނެ ކަމަށެވެ. ނަމަވެސް، ރަސްމީކޮށް ދައުވާ ހުށަހަޅާފައި ނުވަނީ، ކެރިއަރަށް ވިސްނުމަށް ފަހުގައި ކަމަށެވެ.

އޮސްޓްރޭލިއާގެ ފުލުހުންވެސް ވަނީ އޭޕްރިލް 2019ގައި، މިފަދަ ޝަކުވާއެއް އަޑު އެހި ކަމަށާ، ނަމަވެސް ރަސްމީ ކޮށް ދައުވާ ހުށަހަޅާފައި ނުވާކަން ކަށަވަރުކޮށްދީފައެވެ.

ރޭޕްގެ އަނިޔާ ލިބުނު ކަމަށް ބުނާ އަންހެން މީހާ ކިޔައިދޭ ގޮތުގައި، ރޭޕްގެ ޖަރީމާގެ ވާހަކަ، ރެނަލްޑްސްގެ އޮފީހުގެ އިސް މުވައްޒަފަކާ ހިއްސާކޮށްފައި ވާނެއެވެ. އަދި އެކަން ހިއްސާ ކުރުމުން، ބައްދަލުވުމަކަށް އައުމަށް އެންގުމުން އެ އޮފީހަށް ބައްދަލުވާން ދިޔަ ކަމަށާ، ބައްދަލުވާން ދިއުމުން އޭނާއަށް ހަމަލާ ދީފައި ވާ ކަމަށްވެސް އެ އަންހެން މީހާ ވަނީ ކިޔައިދީފައެވެ.

ރެނާލްޑްސްވެސް ވަނީ މިފަދަ ކަމެއް ހިނގި ކަމުގެ މައުލޫމާތު، މިދިޔަ އަހަރު ލިބުނުކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް، ފުލުހުންނަށް މައްސަލަ ހުށަނޭޅުމަށް ޕްރެޝަރު ކޮށްފައި ނުވާނެ ކަމަށްވެސް ރެނާލްޑްސް ވިދާޅުވެއެވެ.

ރޭޕްގެ މައްސަލަ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރެވޭނެ ކަމަށް މޮރިސަން ވިދާޅުވެފައިވާ މި ދަނޑިވަޅަކީ، ލިބަރަލް ޕާޓީ ތެރޭގައި، އަންހެނުންނާ މެދު ބޭ އަދަބީ އަމަލުތަކެއް ހިންގާ ކަމުގެ ވާހަކަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެކެވެ.