45 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް މިހާރު ކޮވިޑް-19 އަށް ވެކްސިން ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އުމުރުން 45 އަހަރުން މަތީގެ އެންމެންނަށް މިހާރު ފެށިގެން ވެކްސިން ލިބޭނެ ކަމަށާއި އޭގެ އިތުރުން އުމުރުން 18 އާއި 45 އަހަރު ދެމެދު އުމުރު ފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަށް ބޭސްފަރުވާ ކުރާ މީހުންނަށް ވެކްސިން ދިނުން ކުރިއަށް ގެން ދާނެ ކަމަށެވެ.

ދިގު މުއްދަތަކަށް ބޭސްކުރާނަމަ ވެކްސިން ޖަހަން އަންނައިރު ބޭސް ސިޓީ ގެންދިއުމަށް އެއެޖެންސީން އިލްތިމާސްކުރެއެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮވިޑް އިން ރައްކާތެރި ވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ވަނީ ފަށާފައެވެ. އެގޮތުން މިހާތަނަށް 38،591 މީހުން ވަނީ ވެކްސިން ޖަހާފައެވެ.

މިހާތަނަށް މާލެއިން ވެކްސިން ޖަހާފައިވާ ޖުމްލަ މީހުންގެ އަދަދަކީ 31،322 އެވެ. އަދި އަތޮޅު ތެރެއިން ވެކްސިން ޖެހި ޖުމްލަ މީހުންގެ އަދަދަކީ 7170 އެވެ.

މާލެ ސަރަހައްދުގައި އިސްލާމީ މަރުކަޒާއި، ރައްޔިތުން މަޖިލިސް ކުރާ އިދާރާ، ހުޅުމާލޭ ހޮސްޕިޓަލާއި، ޓްރީޓޮޕް ހޮސްޕިޓަލާއި، ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. ހަމައެއާއެކު އައިޖީއެމްއެޗާއި އޭޑީކޭ އާއި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ވެސް ދަނީ ވެކްސިން ޖަހައި ދެމުންނެވެ. މީގެ އިތުރުން އަތޮޅު ތެރޭގެ 48 ސެންޓަރެއްގައި ދަނީ ވެކްސިން ޖަހައި ދެމުންނެވެ.