މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވުމާއެކު، ފާއިތުވީ އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް ނުދާހާ މައްޗަށް، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތައް އުފުލިއްޖެއެވެ.
ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތައް އުފުލެން ފަށާފައި މިވަނީ، އީރާނުގެ އެއްބާރުލުމާއެކު ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރާ ހޫތީ ހަނގުރާމަވެރިން ފޮނުވާލި ޑްރޯންއަކަށް ހުރަސް އަޅާފައި ވާކަމަށް، ހޫތީންނާ ދެކޮޅަށް ސައުދީ އަރަބިއްޔާ އިސްވެ އޮވެ، ޔަމަނުގައި ހަނގުރާމަ ކުރަމުން އަންނަ ކޯލިޝަނުން ބުނުމާއެކުގައެވެ.
މި ބުނުމާއެކު މެދުއިރުމަތީގައި ހަމަނުޖެހުންތަކެއް ހިންގާފާނެ ކަމުގެ ބިރަށެވެ.
އެމެރިކާގައި ތައާރަފު ކުރި ސްޓިމިއުލަސް ޕެކޭޖުތަކާއި، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ތަންފީޒު ކުރަމުންދިޔަ ހަރުކަށި ފިޔަވަޅުތަކަށް ހިސާބަކަށް ލުއި ދޭން ފެށުމާއެކު، ހުސްވި ހަފުތާގައިވެސް ތެލުގެ އަގުތައް ވަނީ 5 ޕަސެންޓަށް އުފުލިފައެވެ.
ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތައް ހުރި ގޮތަށް ބަލާއިރު، އިނގިރޭސިވިލާތުގެ ބްރެންޓް ކުންފުނިން ވިއްކާ ސާފު ނުކުރާ ތެޔޮ ފީފާ އަކުން 66 ސެންޓް އުފުލި، ތެޔޮ ފީފާއެއްގެ އަގު ވަނީ 63.09 ޑޮލަރަށް އަރާފައެވެ. މިއީ 1.1 ޕަސެންޓްގެ އުފުލުމެވެ. މިއީ ޖެނުއަރީ 22، 2020 އަށް ފަހު ބްރެންޓް ކުންފުނީގެ ތެޔޮ ފީފާއެއްގެ އަގު މިހާ މައްޗަށް އެރި ފުރަތަމަ ފަހަރެވެ.
އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓުން ވިއްކާ ތެޔޮ ފީފާއަކުން 86 ސެންޓް އުފުލި، ފީފާއެއްގެ އަގު 60.33 ޑޮލަރަށް ވަނީ އަރާފައެވެ. މިއީ 1.5 ޕަސެންޓްގެ އުފުލުމެކެވެ. ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓުން ވިއްކާ ތެޔޮ ފީފާއެއްގެ އަގު މިހާ މައްޗަށް އެންމެ ފަހުން އެރީ ޖެނުއަރީ 8، 2020ގައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ތެޔޮ ފީފާއެއްގެ އަގު ސުން ރޭޓަށް ވުރެ ދަށަށް ގޮސް، ދުނިޔޭގެ ތެލުގެ ސިނާއަތް އިނދެޖެހުމާ ގާތަށްވެސް ދިޔައެވެ. ނަމަވެސް، އޯޕެކް ފަދަ ތެލުގެ ސަޕްލައި ކޮންޓްރޯލް ކުރާ އިއްތިހާދުތަކާއި، ދުނިޔޭގެ ބޮޑެތި ބާރުތަކުން އަޅަން ފެށި ހަރުކަށި ފިޔަވަޅުތަކާއެކު، ތެލުގެ ސިނާއަތް އަނެއްކާވެސް މިވަނީ ކޮޅަށް ޖެހެން ފަށާފައެވެ.