ވެނެޒުއޭލާގެ ތެލުގެ ރިޒާވްގެ ތެރެއިން 65 ބިލިއަން ފީފާގެ ތެލުގެ ކޮންޓްރޯލް އެމެރިކާއަށް ލިބޭ ގޮތަށް އެ ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން އެމެރިކާގެ ތެލުގެ ރިޒާވް ދެގުނައަށް ވުރެ ބޮޑުވެ، އާންމުންނަށް ޕެޓްރޯލް ލިބޭ އަގު ވަރަށް ބޮޑަށް ހެޔޮވެގެންދާނެއެވެ. އަދި މިކަމަށް އެމެރިކާގެ ރައްޔިތުންގެ ޓެކްސް ފައިސާއިން އެއްވެސް ހަރަދެއް ނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި މި އެއްބަސްވުން ގާއިމުކުރީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާއި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް، ވެނެޒުއޭލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒްއާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު، އަމިއްލަ ވިޔަފާރިތަކާ ގުޅިގެންނެވެ.

ވެނެޒުއޭލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް ވިދާޅުވި ގޮތުގައި، މިއީ އެ ގައުމުގެ އިގުތިސާދު އަލުން ކޮޅަށްޖެހުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މި އެއްބަސްވުމުގެ ދަށުން 17 ތެޔޮވަޅެއް ތަރައްގީކުރުމަށް 100 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށާއި، ދައުލަތަށް ޓެކްސްގެ ގޮތުގައި 209 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސީބީއެސް ނިއުސްއަށް މައުލޫމާތު ދިން އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އުފައްދާ ޖޮއިންޓް ވެންޗަރ ކުންފުނީގެ 55 ޕަސެންޓް ހިއްސާ އޮންނާނީ އެމެރިކާ ސަރުކާރަށެވެ. އަދި މި ތެޔޮވަޅުތަކުގައި މަސައްކަތްކުރުމަށް 100 އަހަރުގެ މުއްދަތެއް އެ ކުންފުންޏަށް ދީފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މި އެއްބަސްވުމަށް އައިސްފައިވަނީ، މިއަހަރުގެ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު އެމެރިކާގެ ސްޕެޝަލް ފޯސްއިން ވެނެޒުއޭލާގެ އޭރުގެ ރައީސް ނިކޮލަސް މަޑޫރޯއާއި އޭނާގެ އަނބިކަނބަލުން ސީލިއާ ފްލޯރެސް ހައްޔަރުކޮށްފައި ވަނިކޮށެވެ. މަޑޫރޯ ހައްޔަރުކުރުމަށްފަހު ޓްރަމްޕް ވަނީ، ވެނެޒުއޭލާގައި ރައްކާތެރި އިންތިގާލީ މަރުހަލާއެއް ގާއިމުކުރެވެންދެން އެ ގައުމު ހިންގުމާ އެމެރިކާއިން ހަވާލުވާނެ ކަމަށާއި، ތެލުގެ ވިޔަފާރި ކޮންޓްރޯލްކުރާނީ އެމެރިކާއިން ކަމަށް ވިދާޅުވެފައެވެ.

ދުނިޔޭގައި އެންމެ ގިނައިން ތެޔޮ ހުރި ކަމަށް ލަފާކުރެވޭ ވެނެޒުއޭލާގައި 303 ބިލިއަން ފީފާގެ ތެލުގެ ރިޒާވް އެބަހުއްޓެވެ. ނަމަވެސް އެކަށީގެންވާ އިންވެސްޓްމަންޓް ނެތުމާއި ދަތިކުރުމުގެ ފިޔަވަޅުތަކާ ހުރެ، އެ ގައުމުން މިހާރު ދުވާލަކު އުފައްދަނީ 1.25 މިލިއަން ފީފާގެ ތެޔޮ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

ރޮއިޓާސްއާ ހަވާލާދީ އަލްޖަޒީރާއިން ބުނި ގޮތުގައި، ވެނެޒުއޭލާގެ ގާނޫނުއަސާސީ އޮންނަ ގޮތުން ތެލުގެ ސިނާއަތުގެ މައިގަނޑު ކޮންޓްރޯލް އޮންނަން ޖެހެނީ ދައުލަތަށެވެ. އެހެންކަމުން މި އެއްބަސްވުމާ ގުޅިގެން ވެނެޒުއޭލާގައި ގާނޫނީ މައްސަލަތަކެއް ނުކުތުމަކީ އެކަށީގެންވާ ކަމެކެވެ.