އައްޑޫ ސިޓީން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 60 އަށް އަރައިފިއެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނީ ޕްޒިޓިވް އިތުރު ދެ ކޭސް އާ އެކު އައްޑޫ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 60 އަށް އަރާފައިވާ ކަމަށެވެ. އަދި މި ކޭސްތަކާ ގުޅިގެން 341 ޑައިރެކްޓް ކޮންޓެކްޓުން ފާހަގަ ކުރެވިފައި ވާ ކަމަށް ވެސް އެ ސެންޓަރުން ވަނީ ބުނެފައެވެ.

މިއަދުގެ އިރުއޮއްސި 06:00 ގެ ނިޔަލަށް 98 ސާމްޕަލް ނަގާފައި ވާއިރު އެ ސިޓީގެ 185 ތަނެއް ވަނީ ކަރަންޓީނަށް ލާފައިވާ ކަމަށް ވެސް އެސެންޓަރުން ވަނީ ބުނެފައެވެ.

އެސެންޓަރުން އިތުރަށް ބުނީ ޕޮޒިޓިވް މީހުންގެ ތެރެއިން 5 މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ ކަމަށެވެ.

އައްޑޫގައި މިވަގުތު ކޮވިޑްގެ ދެ ކްލަސްޓާއެއް އޮތްއިރު، ހިތަދޫ އިން ވަނީ 20 ކޭސް ފެނިފައެވެ. ފޭދޫ 11 ކޭސް ފެނިފައި ވާއިރު މަރަދޫފޭދޫން 4 ކޭސް އަދި ހުޅުދޫ މީދޫ އިން ވަނީ 25 ކޭސް ފެނިފައެވެ.

އައްޑޫ ސިޓީން ކޮވިޑް ކޭސްތަކެއް ފެނުމާއެކު ވަނީ މޮނިޓަރިންއަށް ލާފައެވެ. އަދި އެ އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ކާފިއުވެސް އިއުލާން ކޮށްފައެވެ. އެ ސިޓީގައި ކާފިއު ވަގުތަކީ ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އާ ދެމެދެވެ. އަދި މިއަދު ވަނީ ރެންޑަމް ސާމްޕަލް ވެސް ނަގަން ފަށާފައެވެ.