ކޮވިޑްގެ 3 ވަނަ ރާޅު އައިސް ކޮންޓްރޯލުން ނައްޓައިފިއެވެ. ކޮވިޑް ނުވަންނަ ސިޓިންރޫމެއް މިހާރު އަމުދުން ނެތް ކަމަށް ދެންނެވިދާނެއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، ހުންފަދަ ވެގެން ނުވަތަ ނޭވާލާން އުނދަގޫވެގެން ހޮސްޕިޓަލް ތަކާއި ކްލިނިކްތަކަށް ދައްކާ މީހުންގެ 90 ޕަސެންޓް މީހުން ދަނީ ކޮވިޑަށް ޕޮޒިޓިވް ވަމުންނެވެ.

އެންމެ ފަހުން އިއްޔެ ރޭ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގް ޓީމުން ޑރ. އަލީ ލަތީފު ދެއްކެވި ވާހަކައިންވެސް ކޮވިޑް ވަނީ ކޮންޓްރޯލުން ނައްޓާފައި ކަން އެނގެއެވެ. ކޮވިޑް ފެސިލިޓީތަކުގައި ހުރި އެނދުތައް ފުރި، ބަލި މީހުންނަށް ފަރުވާ ދޭނެ ޑޮކްޓަރުންނާއި ނަރުހުން ނުތިބޭނެ ކަމަށް އޭނާ ވިދާޅުވުމުން ހާލަތުގެ ސީރިއަސްކަން ވަޒަން ކޮށްލަން އެނގެއެވެ.

ޔޫކޭ ވޭރިއަންޓާއި، "އެއެއް މިއެއް ނޭނގޭ" ވޭރިއަންޓުތައް ރާއްޖޭގައި އުޅޭކަމަށް އޭނާ ވިދާޅުވުމާއި، ޕޮޒިޓިވް ވާ މީހުންގެ އަދަދުތައް 100 އިން މަތީގައި ހިފެހެއްޓިފައި ހުރުމުން ދެން އޮތް ނިންމުމަކީ "ފުލް ލޮކްޑައުން" އަށް ވުން ވަރަށް ގާތެވެ.

ކޮވިޑް ވެކްސިން ޖަހަން ޒުވާނުންގެ މަރުކަޒަށް ގޮސް ތިބި ބައެއް / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

ކޮންމެ ރެއަކާއި ކޮންމެ ދުވަހަކު އެޗްޕީއޭއިން ދޭ އިރުޝާދަކީ ގިނަ ބަޔަކު އެއްކޮށް ނޫޅުމަށާއި، ގިނަ ގިނައިން އަތް ދޮވުމަށާއި ރައްކާތެރިކަން ހޯދައިގެން އުޅުމަށެވެ. ނަމަވެސް މާލޭ ވަށައިގެންނާއި މާލެ ތެރެއިން ފެންނަނީ އެ މަންޒަރެއް ނޫނެވެ. ހޭބޯ ނާރާ އެތަން މިތަނަށް ދުއްވާ މީހުންނާއި، ގްރޫޕު ގްރޫޕަށް ހިނގާ މީހުންނާއި، މާސްކް ދަތްދޮޅީގައި އަޅައިގެން އުޅޭ މީހުންނާއި އަމުދުން މާސްކް ނާޅާ މީހުންނާއި ބިދޭސީންވެސް ހިމެނޭ ގޮތުން އެކަކު އަނެކަކުގެ ކޮނޑަށް "އަތް ވައްޓާލައިގެން" ތިބޭ މީހުންނެވެ. އޭގެ އިތުރުން ގައިދުރުކަމެއް ނެތި ފުރާލާފައި އޮންނަ ކޮފީޝޮޕްތަކުން، ކޮވިޑަށް "އާންދޮގޭ" އޭ ބުނާ ކަހަލައެވެ. އެޗްޕީއޭއިން ކޮންމެ ދުވަހަކު ހާމަ ކުރާ އަދަދުތަކަށް ބެލުމެއް ނެތި، ބާއްވަމުން ދާ ޕާޓީތަކާއި ހަފްލާތަކުން ރައްޔިތުން ދެކެނީ އެ އަދަދުތަކަކީ "ޖޯކެއް" ކަމަށް ހެއްޔެވެ. އެއީ ޖޯކެއް ނޫނެވެ.

މާލޭ މަގުމަތި / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

ރާއްޖޭގައި ކޮވިޑް ޖެހި ހާލު ބޮޑުވާ މީހުންގެ ތެރޭގައި ނޫކަށިފުރާ ޒުވާނުން މަދުނަމަވެސް، މިހާރުވެސް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން 200 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ބާކީ މީހުން ކޮވިޑް ފެސިލިޓީތަކުގައި ތިބި އިރު އެތަންތަން ވަނީ "ތޮއްޖެހިފަ" އެވެ.

މިތަން މިއޮންނަނީ ފުރި ބާރުވެފައި، އެއެއް މިއެއް ނޭނގެ. ބައެއް ފަހަރު ގަޑިންގަޑިއަށް ބޭސްވެސް މިހާރު ނުލިބޭ. ދެން ކާއެތިކޮޅު އަދި ލިބޭ.
ހުޅުމާލެ ފެސިލިޓގައި އޮންނަތާ 14 ދުވަސް ވީ މީހަކު

ކޮވިޑުގެ ހާލަތު ގޯސްވެ، ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ގޮސްފައި ވާއިރު، އާންމު ރައްޔިތުން ފަރުދީ ޒިންމާ ނަގާ، މިހާރު ގެއަށް ވަންނަން ވެއްޖެއެވެ. ކޮންމެ މީހެއްގެ ގޭތެރެ ސާފުކޮށް، ޑިސްއިންފެކްޓް ކޮށް ބަލަހައްޓަން ވެއްޖެއެވެ. ކޮވިޑަށް ޕޮޒިޓިވް ވެ ގޭގައި މަޑުކުރަން އެންގުމުން، ސިނގިރޭޓް ބޯން ނުވަތަ ފްރެންޑުންނާ މީޓު ކޮށްލަން ނުވަތަ ކަންމަތީ ކޮފީޝޮޕަށް ނުދާށެވެ. އަދި ރިލީސް ސާމްޕަލް ދިނުމަށް ފަހު މުޅި މާލެ ތެރޭގައި ނޭނބުރި ސީދާ ގެއަށް ވަންނާށެވެ. ރިލީސް ސާމްޕަލް ނެގެޓިވް ނުވެ ޕޮޒިޓިވް ވާ އެތައް ހާލަތެއް ދިމާވެފައި ވާއިރު، ތިމާގެ ފަރާތުން ރައްޓަހިންނާއި އެހެން މީހުންނަށް ކޮވިޑް ފެތުރުނަ ނުދޭވެ.

އަލުން ލޮކްޑައުން އަކަށް ދިއުމަކީ ފޫ ނުބެދޭ ވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަކަށް ވިޔަ ނުދޭށެވެ. ކުރިން "ފުލް ލޮކްޑައުން" ގައި ކުރަން ޖެހުނު ހިތްދަތި ތަޖުރިބާއާއި އާމްދަނީއަށް ކުރި އަސަރު އަލުން އިއާދަވިޔަ ނުދޭށެވެ.

އެންމެން ފަރުދީ ޒިންމާ ނަގަމާ ހިނގާށެވެ. ހަމަ އެއާއެކު އެޗްޕީއޭއާއި ކަމާބެހޭ އެހެނިހެން ފަރާތްތަކުން އަޅާ ފިޔަވަޅުތައް ޒިންމާދާރުކަމާއެކު އަޅާ، އެ ފިޔަވަޅުތައް ތަންފީޒު ކުރާށެވެ. ހުރިހާ ކަމެއްގެ ޒިންމާ ރައްޔިތުންގެ ބޮލުގައި ނާޅުވާށެވެ. ކިރިޔާވެސް ދުލެއް ލިބޭނަމަ އެ ދުލެއްގެ ބޭނުން ރައްޔިތުން ހިފާނެ ކަމާއި އެއީ އިންސާނީ ތޮބީއަތް ކަން ދަންނާށެވެ. އެހެން ވީމާ، ތަންފީޒު ކުރަން ފިޔަވަޅު އަޅާއިރު، "އެދެވިގެން ވޭ" ނުކިޔާ ކަނޑައަޅަން ނިންމާ ފިޔަވަޅު ތަންފީޒު ކުރާށެވެ.