އެމްވީ މޯލްޑިވްސް ވިކްޓްރީ ފެތުނު ސަރަހައްދު ހިމާޔަތް ކޮށްފިއެވެ.

އެންވާރަމަންޓް މިނިސްޓްރީން ގެޒެޓް ކުރި ލިއުމެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން މޯލްޑިވްސް ވިކްޓްރީ ފެތިފައިވާ ސަރަހައްދާއި ކ. ކާށިދޫ ޗަސްބިން ސަރަހައްދަކީ ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކެއް ކަމުގައި ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެތަން ހިމާޔަތްކޮށްފައި ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ 4 ވަނަ މާއްދާގެ ދަށުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީމް އިތުރަށް ބުނީ މި ސަރަހައްދުތައް ބެލެހެއްޓުމުގައި އަމަލު ކުރާނީ ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދުގައި ވާ ގޮތުގެ މަތިން ކަމަށެވެ.

އެމްވީ މޯލްޑިވްސް ވިކްޓްރީ ފެތުނު ސަރަހައްދު ހިމާޔަތް ކުރުމާ ގުޅިގެން އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ހަސަން ވިދާޅުވީ މޯލްޑިވްސް ވިކްޓްރީ، ސިންގަޕޫރިން މުދާ ހިފައިގެން އައިސް ހުޅުލޭ ފަރުގައި ޖެހި ފެތުނު ހާދިސާއަށް ރޭ ފަތިހަށް 40 އަހަރު ވެފައި ވާ ކަމަށެވެ. 40 އަހަރު ފަހުން އެއީ ރާއްޖޭގެ އެންމެ މަގުބޫލު ޝިޕްރެކް ޑައިވް މަންޒިލް ކަން ފާހަގަ ކުރައްވާ މިނިސްޓަރު ހުސެއިން ވަނީ މި ތަރިކަ ހިމާޔަތް ކުރުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށް ވިދާޅުވެފައެވެ.

އެމްވި މޯލްޑިވްސް ވިކްޓަރީ ފެތުނު ސަރަހައްދަކީ 1981 ވަނަ އަހަރު ހުޅުލޭ ހުޅަނގު ދެކުނު ފަރާތަށް "މޯލްޑިވްސް ވިކްޓަރީ" އަޑިއަށް ދިޔަ ސަރަހައްދެވެ. މި ބޯޓު އަޑިއަށް ގޮސްފައިވާ މި ސަރަހައްދަކީ މިހާރު "އާޓިފިޝަލް" ފަރެއް ހެދިފައިވާ، މުރަކައާއި މަސްމަހާމެހިން މުއްސަނދިވެފައިވާ ސަރަހައްދެކެވެ. އަދި މިއީ ރާއްޖޭގައި ޑައިވްކުރާ އެންމެ މަޝްހޫރު އެއް ޝިޕްރެކް ކަމަށްވުމުގެ އިތުރުން ދިރޭ ތަކެތިން މުއްސަނދިވެފައިވާ ވަރަށް ހާއްސަ މާހައުލެއް ލިބިފައިވާ ސަހައްދެއް ވެސް މެއެވެ.

ކާށިދޫ ޗަސްބިން ސަރަހައްދަކީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން މޭ 22، 2003 އިން ފެށިގެން ހިމާޔަތް ކޮށްފައިވާ ކަންޒު ކަހަބު ދިރިއުޅޭ ސަރަހައްދެކެވެ. ކަންޒު ކަހަބު ދިރިއުޅޭ ތިން ރަށެއް ރާއްޖޭގައި އޮންނައިރު، އޭގެ ތެރެއިން ކާށިދުއަކީ މި ބާވަތުގެ ދިރުން އެންމެ ގިނައިން ދިރިއުޅޭ ރަށެވެ. މީގެ އިތުރުން މި ސަރަހައްދަކީ ކަނޑޫފާ، ކުއްޅަވައްފާ ހިމެނޭ ގުދުރަތީ ދިރުންތަކުން މުއްސަނދިވެފައިވާ ސަރަހައްދެކެވެ.

އެމްވީ މޯލްޑިވްސް ވިކްޓްރީ ފެތުނު ސަރަހައްދު އަދި ކާށިދޫ ޗަސްބިން ހިމާޔަތް ކުރުމަށް ނިންމާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ ލަފައާ ވެސް އެކުއެވެ.