މިއަދުވެސް މާލެ ސަރަހައްދުގައި އުމުރުން 45 އަހަރާއި 55 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ހައި ރިސްކު މީހުންނަށް ވެކްސިން ޖަހާނެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑް-19 ބަލިމަޑުކަމުން ރައްކާތެރި ވުމަށް ކުރެވެމުން ދާ މަސައްކަތްތަކުގެ ތެރެއިން، މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 45-55 އަހަރުން މަތީގެ ހައި ރިސްކު ފަރާތްތަކާއި 55 އަހަރުން މަތީގެ ފަރާތްތަކަށް މިއަދުވެސް ކޮވިޑްގެ ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެހެންކަމުން އެ އުމުރުފުރާގެ މީހުން ސޯޝަލް ސެންޓަރާއި ވިލިމާލެ ޒުވާނުންގެ މަރުކަޒާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރަށް ދިއުމަށް އެޗްޕީއޭއިން ބުނެއެވެ.
ހުޅުމާލެއާއި މާލެ އާއި ވިލިމާލޭގައި ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ ތަންތަނަށް ދާން ޖެހޭ ވަގުތުތައް އެޗްޕީއޭއިން ވަނީ ހާމަ ކޮށްފައެވެ. އެ ގޮތުން ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރަށް ވެކްސިން ޖެހުމަށް ދާން ޖެހޭ ވަގުތަކީ މެންދުރުފަހު 02:00 އިން ހަވީރު 5:00 އާ ދެމެދު ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒަށް ވެކްސިން ޖެހުމަށް ދާން ޖެހޭ ވަގުތަކީ މެންދުރުފަހު 02:00 އިން ހަވީރު 5:00 އަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ. ހުޅުމާލެ ވެކްސިން ސެންޓަރަކީ ހުޅުމާލޭގައި ފްލޫ ކްލިނިކް ހުރި އިމާރާތެވެ. އަދި އިސްލާމީ މަރުކަޒަށް ކްސިން ޖެހުމަށް ދާން ޖެހޭ ވަގުތަކީ މެންދުރުފަހު 03:00 އިން ހަވީރު 5:00 އަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ވެކްސިން ޖަހަން ދާއިރު ބަލަންޖެހޭ ކަންތައްތައް:
- އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުން
- ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުން
- ގަޔަށް ދޫ، ފަސޭހައިން ވެކްސިން ޖަހާ ތަން (ކޮނޑު) ދެއްކޭނެ ހެދުމެއް ލުން
- ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
- ވެކްސިން ޖަހަން ދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
- ވެކްސިން ޖަހަން ދާއިރު އެކުގައި އެކަކަށް ވުރެ ގިނަ މީހުން ނުދިއުން
- ބޭނުން ކުރަމުންދާ ބޭހެއް ވާނަމަ ބޭހުގެ މައުލޫމާތު ގެންދިއުން
ރާއްޖެއިން ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދު 25،327 އަރާފައިވާއިރު، މާލެއިން ވެކްސިން ޖަހާފައިވާ ޖުމްލަ މީހުންގެ އަދަދަކީ 20،960 ކަމަށާއި އަތޮޅު ތެރެއިން ވެކްސިން ޖެހި ޖުމްލަ މީހުންގެ އަދަދަކީ 4367 ކަމަށް އެޗްޕީއޭއިން ބުނެއެވެ.