އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވޭ ކުރީގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާންގެ މައްޗަށް ކުރާ ދައުވާތަކާ ގުޅިގެން މައްސަލަ ނިމެންދެން އޭނާގެ ޕާސްޕޯޓް، ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު މެންދުރުފަހު ބޭއްވި އެ މައްސަލާގެ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ބުނީ ނިހާންގެ ޕާސްޕޯޓް ހިފަހައްޓަން ކުރިން ނެރެފައިވާ އަމުރުގެ މުއްދަތު މިއަދު ހަމަވާތީ ޕާސްޕޯޓް ހިފެހެއްޓުމުގެ އިތުރު އަމުރެއް ނެރެދޭން އެދޭ ކަމަށެވެ. އަދި އެ އަޑުއެހުމުގައި ގާޒީ ވަނީ ވަކީލަކު ހަމަޖެއްސުމަށް ނިހާނަށް 10 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. އެއީ ވަކީލަކު ހަމަޖެއްސުމަށް 15 ދުވަހުގެ މުއްދަތަކަށް ނިހާން އެދުމުންނެވެ.
މިއަދުގެ އަޑުއެހުމުގައި ނިހާން ވިދާޅުވީ ތަހުގީގު މަރުހަލާއިން ފެށިގެން މިއަދާ ހަމައަށްވެސް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް އަދި އޭނާގެ ޕާސްޕޯޓް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ބެލުމުގެ ދަށުގައި ބޭއްވިޔަސް، މައްސަލައެއް ނެތް ކަމަށެވެ.
ނިހާންގެ މައްޗަށް އުފުލާ ދައުވާތަކާ ގުޅިގެން ޕީޖީން ބުނެފައި ވަނީ މަޖިލިސް މެންބަރު ކަމުގައި އަދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ މަގާމުގައި ހުރެ، މަގާމުގެ މަސްއޫލިއްޔަތު ވަކި ގޮތަކަށް ކުރުމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަތުން ފައިސާ ނަގާފައިވާ ކަމަށެވެ. އަދި އެ ފައިސާ ބޭނުން ކޮށްފައިވާ ކަން ތަހުގީގަށް ހާމަވެފައި ވާއިރު، ނިހާން ހޯދާފައިވާ މިފަދަ ފައިސާއާ ބެހޭ މައުލޫމާތެއް 2014 ވަނަ އަހަރުން 2019 އަހަރުގެ ނިޔަލަށް ހުށަހެޅި މާލީ ބަޔާން ތަކުގައި ނެތް ކަމަށްވެސް ޕީޖީން ވަނީ ބުނެފައެވެ.
ނިހާންގެ މައްޗަށް ކޮށްފައި ވަނީ ރިޝްވަތު ހިފުމުގެ ކުށުގެ 3 ދައުވާއަކާއި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ 2 ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެކެވެ.
ނިހާނަށް ކޮށްފައިވާ ދައުވާތަކުގެ ތަފްސީލު:
- ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ (މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން، އަދީބު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެފައިވާތީ)
- މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ (މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު ހައިސިއްޔަތުން، އަދީބު ދޭ ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއްކަން މީނާއަށް ޝައްކު ކުރެވެންޖެހޭ ހާލަތުގައި އަދީބު މެދުވެރި ވެގެން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، މި ފައިސާއާއި އެހެން ފައިސާ އެއް ކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސްއިން ފްލެޓެއް ގަނެފައިވާތީ.)
- ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާ ( 2014 ވަނަ އަހަރު ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގިވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް ބްރޭންޑްގެ ސަބްމެރީނާ ގަޑިއެއް ދިނުމަށް އަދީބު ގާތު އެދިފައިވާތީ)
- ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ( 2014 ވަނަ އަހަރު ޕްރޮސިކިއުޓާ ޖެނެރަލްގެ މގާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގިވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް ބްރޭންޑްގެ ސަބްމެރީނާ ގަޑިއެއް ދިނުމަށް އަދީބު ގާތު އެދުމުން، ކ.މާލެ، މ. ވިލާދަށުގެ މުހައްމަދު މަނިކު މެދުވެރިކޮށް އަދީބު ދިން ރޮލެކްސް ބްރޭންޑްގެ ގަޑި ބަލައިގަނެފައި ވާތީ)
- ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާ (މަޖިލީހުގެ މެންބަރަކަށް ހުރިއިރު، އޭނާގެ މެންބަރު ކަމުގެ ހައިސިއްޔަތުން އަދާކުރި މަސްއޫލިއްޔަތުތައް އަދީބު އަންގާ ގޮތަށް އަދާ ކުރުމުގެ މުގާބިލުގައި 650،000 ރުފިޔާ ދިނުމަށް އަދީބު ގާތު އެދިފައި ވާތީ)
- ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ (މަޖިލީހުގެ މެންބަރަކަށް ހުރިއިރު، އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާކުރި މަސްއޫލިއްޔަތުތައް އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި، 650،000 ރުފިޔާ ދިނުމަށް އަދީބު ގާތު އެދުމުން، އަދީބު އެ އަދަދަށް ފައިސާ ދިނުމުން އެ ފައިސާ ހިފާފައި ވާތީ)
ޕީޖީ އޮފީހުން ވަނީ މި މައްސަލާގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނިހާން ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައެވެ.