2021 ވަނަ އަހަރުގެ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ 2014 ވަނަ އަހަރުން ފެށިގެން އެމިނިސްޓްރީން ކޮންމެ އަހަރަކު ދެމުން އަންނަ "ރެހެންދި އެވޯޑު"އަށް ނަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މި އެވޯޑުގެ މަގްސަދަކީ ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި ދިވެހިރާއްޖޭގެ ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރު ވަޒަންކުރުން ކަމަށެވެ. އަދި މުޖުތަމައުގައި އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި ޖަމިއިއްޔާ ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު ގައުމީ ފެންވަރުގައި ވަޒަންކުރުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެވޯޑަށް މި އަހަރު ކުރިމަތިލެވޭނެ ދާއިރާތަކަކީ:

  • ހަމައެކަނި އަންހެނުންނަށް އެވޯޑަށް ކުރިމަތިލެވޭ ދާއިރާ
  • ވަޒީފާ ދޭ ފަރާތްތައް/ މުއައްސަސާތަކުން އެވޯޑަށް ހުށަހެޅޭ ދާއިރާ
  • އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދާއިރާ
  • ކުލަބު ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ދާއިރާ
  • އާންމު ފަރުދުންގެ ތެރެއިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ފިރިހެނުންނާއި އަންހެނުންނަށް އެވޯޑަށް ހުށަހެޅޭ ދާއިރާ

މި އެވޯޑަށް ނަން ހުށަހެޅުމަށް ކަނޑައަޅައިފައިވާ ސުންގަޑިއަކީ މިމަހު 28 ވާ އާދީއްތަ ދުވަހުގެ 02:00 ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ އެވޯޑަށް ކުރިމަތިލާނެ ގޮތުގެ އިތުރު މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓު އަދި ދިވެހި ސަރުކާރުގެ ގެޒެޓުގެ ލިންކް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށެވެ.