މ. މުލަކުގައި މިފްކޯގެ ޕޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ އެމްޓީސީއާއި މިއަދު ހަވާލުކޮށްފިއެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫގެ ދަށުން، 22،240 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 8،640 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 160 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން ހިމެނޭ ކަމަށެވެ. އަދި 68.90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 3،200 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ. އެ މަޝްރޫއުގެ އަގަކީ 56.13 މިލިއަން ރުފިޔާއެވެ.

އަދި އެ މަޝްރޫއަކީ 300 ދުވަހުގެ ތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

މ. މުލަކުގައި މިފްކޯގެ ޕޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްޓީސީސީ

އެ ކުންފުންޏާއި ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގް އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.