އައްޑޫ ސިޓީގައި ކޮވިޑް19 ފެތުރެމުންދާތީ އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އައްޑޫ ސިޓީ މޮނިޓަރިން އަށް ލާފައިވާތީ އާއި އައްޑޫގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ލަފާކުރެވޭތީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޗްޕީއޭއިން އައްޑޫ ސިޓީގެ މޮނިޓަރިން ހާލަތު އުވާލަދެން ނުވަތަ ކައުންސިލުން ވަކިގޮތެއް އަންގަންދެން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

އަޅާފައިވާ ފިޔަވަޅުތައް:

  • އައްޑޫ ސިޓީގައި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުން.
  • އައްޑޫ ސިޓީ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުނުކުރުން.
  • އައްޑޫގައި ގާއިމްވެފައިވާ އޮފީސްތައް އާންމު ހިދުމަތްތަކަށް ބަންދުކޮށް، އޮންލައިންކޮށް ހިދުމަތްދިނުން.
  • ސްކޫލްތަކުގެ ކޮންޓެކްޓް ޓްރޭސިން ނިމެންދެން ސްކޫލްތައް ބަންދުކުރުން.
  • ސެލޫން، ބޯކޮށާ ތަންތަން އަދި ޖިމްތައް ބަންދުކުރުން.
  • ހުރިހާ ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލުން.
  • ޕާޓީތަކާއި ހަފްލާތަކާއި ބައްދަލުވުންތަކާއި ރަސްމިއްޔާތުތައް އޮންލައިންކޮށް ކުރިޔަށް ގެންދިއުން.
  • ޓެކްސީ ހިދުމަތް ފޯރުކޮށްދޭނަމަ، ޓެކްސީ ހިދުމަތް ފޯރުކޮށްދިނުމުގައި އެޗްޕީއޭ އިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދިއުން.

މި އެންގުންތަކަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގާ އެންގުންތަކެއް ކަމުގައިވާތީ މި އެންގުންތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކުން އަމަލުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

މުޅި އައްޑޫ ސިޓީ މޮނީޓަރިން ހާލަތުގައި އޮތް އިރު ހިތަދޫ ކްލަސްޓާއިން 19 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އެ ކްލަސްޓާގެ ކޮންޓެކްޓުންގެ ގޮތުގައި 100 މީހަކު ވަނީ ފާހަގަ ކޮށްފައެވެ. އައްޑޫ ކްލަސްޓާއާ ގުޅުން ހުރި މީހަކު ގދ. ތިނަދޫން ވެސް ވަނީ ޕޮޒިޓިވް ވެފައެވެ.

އައްޑޫ ސިޓީ ހުޅުމީދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށަށް ފުރަބަންދު ކަރަންޓީން ވުމަށް ގޮސް އެމްޓީސީސީ ސައިޓެއްގައި ތިބި ބަޔަކު ޕޮޒިޓިވް ވުމުންނެވެ. ފުރަބަންދު ކަރަންޓީނުން 2 މީހަކު ޕޮޒިޓިވް ވި އިރު، ފުރަތަމަ އެޗްޕީއޭއަށް އަންގާފައި ވަނީ އެ ސައިޓުގައި އިތުރު ކޮންޓެކްޓެއް ނެތް ކަމަށެވެ. ނަމަވެސް ފަހުން ކޮވިޑްގެ އަލާމާތްތައް ފެނިގެން ނެގި ސާމްޕަލްތަކުން 4 މީހަކު ޕޮޒިޓިވްވެފައި ވެއެވެ. މިއާއެކު، ހުޅުމީދޫގައި އުފެދިފައިވާ ކްލަސްޓާއިން ވަނީ ޖުމްލަ 25 މީހަކު ޕޮޒިޓިވް ވެފައެވެ.

ހިތަދޫ އަދި ގުޅިފައިވާ ރަށްތައް މޮނިޓަރިންގެ ހާލަތަށް ބަދަލު ކޮށްފައި ވަނީ އެރަށުން ކޮވިޑްގެ އަލާމާތްތައް ފެނިގެން ފްލޫ ކްލިނިކަށް ދެއްކި ދެ މީހަކު ކޮވިޑް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޖުމްލަ 19 މީހަކު މިހާރު ވަނީ ޕޮޒިޓިވްވެފައެވެ. މި ދެ މީހުންނަކީ ވެސް އެއާޕޯޓުގައި މަސައްކަތް ކުރާ މީހުންނަށް ވާއިރު، އެ ކްލަސްޓާއާ ގުޅުން ހުރި މީހެއްގެ ގޮތުގައި ތިނަދޫން ވެސް ފާހަގަ ކުރެވުނީ ކޫއްޑޫ އެއާޕޯޓުގައި މަސައްކަތް ކުރާ މީހެކެވެ.