އައްޑޫ ސިޓީގެ ކެފޭ، ރެސްޓޯރެންޓުތައް ބަންދުކުރަން ނިންމައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އައްޑޫ ސިޓީ މޮނިޓަރިން އަށް ލާފައިވާތީ އާއި އައްޑޫގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ލަފާކުރެވޭތީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޗްޕީއޭއިން އައްޑޫ ސިޓީގެ މޮނިޓަރިން ހާލަތު އުވާލަދެން ނުވަތަ ކައުންސިލުން ވަކިގޮތެއް އަންގަންދެން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

އެގޮތުން މިއަދު ހަވީރު 04:00 އިން ފެށިގެން ކައުންސިލުން އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އައްޑޫ ސިޓީގެ ކެފޭ ރެސްޓޯރެންޓްތަކުން ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތް ފިޔަވައި އާއްމުންނަށް ހުޅުވައިގެން ހިދުމަތް ދިނުން ހުއްޓާލުން ހިމެނެއެވެ.

އޭގެ އިތުރުން ޓޭކްއަވޭގެ ނުވަތަ ޑެލިވަރީގެ ހިދުމަތް ދެމުންގެންދާއިރު ނަގުދު ފައިސާ ބޭނުން ނުކުރުމަށާއި ތަނުގެ މުވައްޒަފުން އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަމަލުކުރަމުންގެންދޭތޯ ކަށަވަރު ކުރުމަށް ވެސް ވަނީ އަންގާފައެވެ. އަދި އައްޑޫ ސިޓީގައި ގާޑިޔާތަކުން ދެމުންގެންދާ އެންމެހާ ހިދުމަތްތައް ދިނުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.

ހަމައެހެންމެ ކޮވިޑާ ގުޅިގެން ފިހާރަތަކަށް މީހުން ވެއްދުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ ގިނައިން ފިހާރަތަކަށް މީހުން ނުވެއްދުމާއި އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް ކައުންސިލުން ވަނީ އަންގާފައެވެ. އަދި އާއްމު މައިދާންތަކާއި ޕާކްތަކަށް މީހުން އެއްވެ ނޫޅުމަށް ވަނީ ކައުންސިލުން ވަނީ އަންގާފައެވެ.

އައްޑޫ ސިތީ ކައުންސިލުން ވަނީ މި އެންގުންތަކަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގާ އެންގުންތަކެއް ކަމުގައިވާތީ މި އެންގުންތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކުން އަމަލުކުރުމަށް އެދިފައެވެ.