ރާއްޖެއިން ދުބާއީއަށް ޗުއްޓި ހޭދަ ކުރަން ދިޔަ ދިވެހި ފިރިހެނެއް ކޮވިޑް ޖެހިގެން މަރުވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެޗްޑީސީން ބުނީ، މަރުވެފައި ވަނީ އެޗްޑީސީގެ ސީނިއާ ޓެކްނިކަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރާ އަބްދުﷲ އިޔާދު އަހުމަދު ކަމަށެވެ. އޭނާ ދުބާއީއަށް ދިޔައީ ޗުއްޓީ ދަތުރެއްގައި ކަަމަށް އެޗްޑީސީން ބުނެއެވެ.

އިޔާދު ކޮވިޑް ޖެހިގެން މަރުވެފައި ވާއިރު އޭނާ އަކީ އުމުރުން 38 އަހަރުގެ މީހެކެވެ.

އެޗްޑީސީގައި އިޔާދު މަސައްކަތް ކުރަން ފަށާފައި ވަނީ މާޗް 19، 2017 އިން ފެށިގެންނެވެ. ސީނިއާ ޓެކްނިކަލް އޮފިސަރެއްގެ މަގާމުގައި މަސައްކަތް ކުރި އިޔާދު ވަނީ އެޗްޑީސީގެ މުނިސިޕަލް ސާވިސްގެ ވެހިކަލް ވޯކްޝޮޕް ޑިޕާޓްމަންޓާއި މުނިސިޕަލް ސާވިސްގެ ޖެނެރަލް ވޯކްޝޮޕް ޑިޕާޓްމަންޓަގައި މަސައްކަތް ކޮށްފައެވެ.

މިއީ މިފަދައިން ރާއްޖެއިން ބޭރަށް ދިޔަ ދިވެއްސަކު ކޮވިޑް ޖެހިގެން މަރުވި ފުރަތަމަ ފަހަރެވެ.

ދިވެހިން ވެސް މިހާރަކަށް އައިސް ދުބާއީއަށް ޗުއްޓީ ހޭދަ ކުރަން ދާ ކަން ވަނީ ފާހަގަ ވެފައެވެ. ގިނަ އަދަދެއްގެ ދިވެހިން ވެސް ދާ ދުބާއީއިން މިހާރަކަށް އައިސް ކޮވިޑް ކޭސްތައް ފެންނަ މިންވަރު ވެސް އަންނަނީ އިތުރުވަމުންނެވެ. އެ ގޮތުން ދުވާލެއްގެ މައްޗަށް 4،000 އަށް ވުރެ ގިނަ ކޭސް ދުބާއީން އަންނަނީ ރިޕޯޓު ކުރަމުންނެވެ.