ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 134 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 110 މީހަކާއި، އަތޮޅު ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުން 9 މީހަކާއި ހިންގަމުންދާ ރިސޯޓަކުން 13 މީހަކާއި ހަދަމުންދާ ރިސޯޓަކުން މީހަކާއި އަދި ހަދަމުންދާ ރަށަކުން މީހެކެވެ.

މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 16،410 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 82 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 14،419 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 1930 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 178 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

މިއަދު ކޮވިޑް ބަލީގައި މަރުވި އުމުރުން 84 އަހަރުގެ މީހާއާއެކު މިހާރު ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 54 އަށް އަރާފައެވެ. މިހާރު އެއީ 47 ދިވެހިންނާއި 7 ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 6 މީހަކާއި ޕިލިޕީންސް މީހެކެވެ. މަރުވި 54 މީހުންގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ވި 7 މީހަކު މަރުވެފައި ވެއެވެ. އަދި އެ 7 މީހުންނަކީ ކޮވިޑް މަރު ނޫން ކަމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

މިދިޔަ އަހަރު ފަހުކޮޅު ކޮވިޑް ކޭސްތައް މަދުވެފައި ވީ ނަމަވެސް މި އަހަރު ފެށުމަށް ފަހު ބައެއް ދުވަސް ދުވަހު ކޭސްތައް އިތުރުވަމުން ދާތަން އަންނަނީ ފެންނަމުންނެވެ. މުޅި ޖެނުއަރީ މަހުގެ ތެރޭގައި ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 2084 އަށް އަރާފައެވެ. ފެބްރުއަރީ މަހުގައި މިހާތަނަށް ފެނުނު ޖުމްލަ ކޭސްގެ އަދަދު ވަނީ 569 އަށް އަރާފައެވެ. އެ ގޮތުން މި ފެބްރުއަރީ މަހުގެ އެންމެ ގިނަ ކޭސް ފެނިފައިވަނީ މި މަހުގެ 1 ވަނަ ދުވަހު އެއީ 215 ކޭސްއެވެ. އެއީ މި އަހަރު ވެސް އެންމެ ގިނަ ކޭސް ރިޕޯޓު ކުރި ދުވަހެވެ.

ކޭސްތައް އިތުރުވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކުރުމުގެ ގޮތުން މިދިޔަ މަހުގެ 27 ފެށިގެން ވަނީ މާލޭ ސަރަހައްދުގައި ކާފިއު އަނެއްކާ ވެސް އިއުލާންކޮށްފައެވެ. އެ ގޮތުން ކާފިއު ވަގުތު އިތުރު ކޮށް މިހާރު ކާފިއު ވަގުތުގެ ގޮތުގައި ހަމަޖައްސާފައި ވަނީ ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށެވެ.

ހަމައެއާއެކު ރޭގަނޑު 8:30 އިން ފެށިގެން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ފަހަރު ދުއްވަން ކުރިއަށް އޮތް ދެ ހަފްތާއަށް ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ގެނައި ބަދަލާއެކު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އާއްމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފައެވެ.