އުމުރުން 84 އަހަރުގެ މީހަކު ކޮވިޑްގައި މަރުވެއްޖެއެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 ގައި ފަރުވާ ދެމުން ދިޔަ މީހެކެވެ.
އެޗްއީއޯސީން ބުނީ، އޭނާ މަރުވެފައ ވަނީ މިރޭ 8:20 ގައި ކަމަށާއި އެއީ ދިވެއްސެއް ކަމަށެވެ.
ރާއްޖެއިން ކޮވިޑް ފެނުނު ފަހުން، އެ ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 54 އަށް އަރާފައެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 47 ދިވެހިންނާއި 7 ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 6 މީހަކާއި ފިލިޕީންސް މީހެކެވެ. މީގެ އިތުރުން، އެޗްޕީއޭއިން ބުނެފައި ވަނީ ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ހިމެނޭ 7 މީހަކު މަރުވެފައި ވާއިރު އެއީ ކޮވިޑް މަރު ނޫން ކަމަށް ނިންމާފައިވާ ކަމަށެވެ.
އިއްޔެ ރާއްޖެއިން ކޮވިޑަށް 121 މީހުން ޕޮޒިޓިވް ވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 102 މީހަކާއި، އަތޮޅު ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުން 4 މީހަކާއި ހިންގަމުންދާ ރިސޯޓަކުން 15 މީހަކު ކަމަށެވެ.
މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 16،276 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 14،337 އަށް އަރާފައެވެ.
މިދިޔަ އަހަރު ފަހުކޮޅު ކޮވިޑް ކޭސްތައް މަދުވެފައި ވީ ނަމަވެސް މި އަހަރު ފެށުމަށް ފަހު ބައެއް ދުވަސް ދުވަހު ކޭސްތައް އިތުރުވަމުން ދާތަން އަންނަނީ ފެންނަމުންނެވެ.
ކޭސްތައް އިތުރުވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކުރުމުގެ ގޮތުން މިދިޔަ މަހުގެ 27 ފެށިގެން ވަނީ މާލޭ ސަރަހައްދުގައި ކާފިއު އަނެއްކާ ވެސް އިއުލާންކޮށްފައެވެ. އެ ގޮތުން ކާފިއު ވަގުތު އިތުރު ކޮށް މިހާރު ކާފިއު ވަގުތުގެ ގޮތުގައި ހަމަޖައްސާފައި ވަނީ ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށެވެ. ހަމައެއާއެކު ރޭގަނޑު 8:30 އިން ފެށިގެން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ފަހަރު ދުއްވަން ކުރިއަށް އޮތް ދެ ހަފްތާއަށް ވަނީ މަނާކޮށްފައެވެ.