ސ. ހުޅުމީދޫ އިން ހަތަރު މީހަކު ޕޮޒިޓިވްވެ، ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
އެޗްއީއޯސީން ބުނީ މީގެ 1 ހަފުތާ ކުރިން ހުޅުދޫއަށް ފުރަބަންދު ކަރަންޓީީން އަށް ދިޔަ 2 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އޭރު މައުލޫމާތު ދެވިފައި ވަނީ އެސައިޓްގައި ކޮންޓެކްޓެއް ނެތް ކަމަށާއި އެހެންކަމުން މި ދެމީހުންނާ ގުޅިގެން އިތުރު ބަޔަކު ކަރަންޓީން ނުކުރާ ކަމަށެވެ.
ނަމަވެސް މިއަދު ކޮވިޑުގެ އަލާމާތްތައް ފެނިގެން 4 މީހެއްގެ ސާމްޕަލް ނެގި އިރު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. އެޗްއީއޯސީން ބުނީ އެސައިޓްގައި ޖުމްލަ 60 މީހުން އެބަތިބި ކަމަށެވެ. އަދި މިހާރު އެރަށް މޮނިޓަރިން އަށް ލާފައިވާ ކަމަށް ވަނީ ބުނެފައެވެ.
އިއްޔެ ރާއްޖެއިން ކޮވިޑަށް 121 މީހުން ޕޮޒިޓިވް ވެފައި ވާއިރު މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 102 މީހަކާއި، އަތޮޅު ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުން 4 މީހަކާއި ހިންގަމުންދާ ރިސޯޓަކުން 15 މީހަކު ކަމަށެވެ.
މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 16،276 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 14،337 އަށް އަރާފައެވެ. މިހާރު ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 53 އަށް އަރާފައެވެ.
މިދިޔަ އަހަރު ފަހުކޮޅު ކޮވިޑް ކޭސްތައް މަދުވެފައި ވީ ނަމަވެސް މި އަހަރު ފެށުމަށް ފަހު ބައެއް ދުވަސް ދުވަހު ކޭސްތައް އިތުރުވަމުން ދާތަން އަންނަނީ ފެންނަމުންނެވެ.
ކޭސްތައް އިތުރުވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކުރުމުގެ ގޮތުން މިދިޔަ މަހުގެ 27 ފެށިގެން ވަނީ މާލޭ ސަރަހައްދުގައި ކާފިއު އަނެއްކާ ވެސް އިއުލާންކޮށްފައެވެ. އެ ގޮތުން ކާފިއު ވަގުތު އިތުރު ކޮށް މިހާރު ކާފިއު ވަގުތުގެ ގޮތުގައި ހަމަޖައްސާފައި ވަނީ ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށެވެ. ހަމައެއާއެކު ރޭގަނޑު 8:30 އިން ފެށިގެން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ފަހަރު ދުއްވަން ކުރިއަށް އޮތް ދެ ހަފްތާއަށް ވަނީ މަނާކޮށްފައެވެ.