ރައީސް އިބްރާމިމް މުހައްމަދު ސޯލިހު މިއަދު ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނަކީ ދޮގު، އުންމީދެއް ނެތް މާޔޫސީ ބަޔާނެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ލީޑް ކުރައްވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ ރިޔާސީ ބަޔާނަކީ ދޮގާ މަކަރާ ހީލަތުގެ މައްޗަށް ބިނާކޮށްފައިވާ އެއްވެސް އުންމީދެއް ނެތް މާޔޫސީ ބަޔާނެއް ކަމަށެވެ. އަދި ރިޔާސީ ބަޔާނުގެ ސަބަބުން ރާއްޖޭގެ ކުރިމަގަށް އޮތް ބިރުވެރިކަމާ ނުރައްކާ ހާމަވެއްޖެ ކަމަށް ވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.
އަދުރޭގެ އިތުރުން ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހަކީ އަމާޒެއް ނެތް އިތުރުފުޅު ހައްދަވާ ވެރިޔެއްކަން އަނެއްކާވެސް އަމިއްލަފުޅަށް އިއްވެވި ބަޔާނުން ސާބިތު ކޮށްދެއްވައިފި ކަމަށެވެ. އަދި ބަޔާނުގައި ކުރައްވާނެ ކަމަށް ވިދާޅުވީ ހާސިލް ކުރޭނެ ފަދަ ކަންތައްތަކެއް ނޫން ކަމަށް ވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ރިޔާސީ ބަޔާން އިއްވާތީ، އިދިކޮޅު ކޯލިޝަނުން ވަނީ މަޖިލިސް ބޭރުގައި އިހުތިޖާޖު ކޮށްފައެވެ. އިދިކޮޅުން މަޖިލިސް ބޭރުގައި އިހުތިޖާޖު ކުރީ، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައެެވެ. އަދި ބޭސްފަރުވާއަށް ސަލާން ޖެހުން އިތުރު ވެއްޖެ ކަމަށާއި، އެމްޑީއެން އަދި އުތެމާ ޖަމްއިއްޔާ އުވާލެއްވިއްޖެ ތޯ ސުވާލުކޮށް، އެ ފަރާތްތަކުގެ އެކި އެކި ކަންބޮޑުވުންތައް ބޯޑުތަކުގައި ލިޔެ، ދިވެހި ދިދައާއެކު އިހުތިޖާޖު ކުރިއެވެ.
އިދިކޮޅުގެ ކޯލިޝަނުގެ މެންބަރުން މަޖިލިސް ބޭރުގައި އިހުތިޖާޖު ކުރަމުން ދިޔައިރު، އިދިކޮޅުގެ މަޖިލިސް މެންބަރުން ތިއްބެވީ ޗެމްބަރަށް ނުވަދެވި މަޖިލިސް ޗެމްބަރުގެ ދޮރުމަތީގައެވެ. އެ މެންބަރުން ޗެމްބަރަށް ނުވެއްދީ، "ރައީސް ޔާމީން މިނިވަން ކުރަން" ގޮވާލާ ބެނާއެއް ހިއްޕަވަގެން ތިއްބެވުމުންނެވެ.
ތަޅުމުން ނިކުމެ ވަޑައިގެން މެންބަރުން ވިދާޅުވީ ސަރުކާރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވާ ކަމަށް ބުނި ނަމަވެސް އެއީ ދޮގެއް ކަމަށާއި، ކުދި ވިޔަފާރިތައް ދަނީ ބަނގުރޫޓު ވަމުން ކަމަށެވެ. ހަމައެއާއެކު، މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ކުރައްވާނެ ކަމަށް ވިދާޅުވީ އެއްވެސް ހަގީގަތެއް ނެތް، ނުކުރެވޭނެ ކަންތައްތައް ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވިއެވެ.