ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލްތަކާއި ނިންމާ ނިންމުންތަކަކީ މަޖިލީހުގެ ރައީސް ނުވަތަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވެގެން ނިންމާ ނިންމުންތަކެއް ނޫން ކަމަށާއި، އެއީ ޕީއެންސީއަށް ސުޕާ މެޖޯރިޓީ ދީގެން ރައްޔިތުން ނިންމާފައިވާ ނިންމެވުންތަކެއް ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ އިމާރާތްކުރުމުގެ ދާއިރާގެ ބޭރު ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިން ޓެކްސް ބޮޑުކުރުމަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ މަސައްކަތަށް ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައެވެ.

ކޮމިޓީގައި އިދިކޮޅު އެމްޑީޕީން ވަނީ ސަރުކާރުން ބޭނުންވާ ބިލުތައް އެކަށީގެންވާ ދިރާސާއެއް ކުރުމެއް ނެތް ގޮތަށް، އަވަސް އަރުވާލައިގެން ފާސްކުރުމުން ރައްޔިތުންނަށް ގެއްލުން ލިބޭނެކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އެމްޑީޕީ މެންބަރުން ވަނީ މަޖިލީހުގެ ނިންމުންތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒު ފޯރަމުންދާ ކަމަށް ބުނެ ކަންބޮޑުވުންފާޅުކޮށްފައެވެ.

މި ތުހުމަތުތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ރިޔާސަތުން ނުވަތަ ކޮމިޓީތަކުން ވަކި ގޮތަކަށް ކަންކަން ނިންމަން މަޖުބޫރު ނުކުރާ ކަމަށެވެ. މެންބަރުން ބަހުސްކުރެއްވުމަށްފަހު އަޣުލަބިއްޔަތުން ފާސްކުރާ ނިންމުންތަކަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ޕީއެންސީއަށް ދިނުމަށް ރައްޔިތުން ނިންމި ނިންމުމުގެ ނަތީޖާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މަޖިލީހުގެ މަސައްކަތްތައް ގަވާއިދާ ހިލާފަށް ކުރިއަށްދާ ނަމަ އިދާރީ މޭޒުގައި ތިއްބެވި ގާނޫނީ ބޭފުޅުން އެކަން ފާހަގަކުރައްވާނެ ކަމަށް އަބްދުއް ރަހީމް ވިދާޅުވިއެވެ.

އިތުރަށް އަބްދުއްރަހީމް ވިދާޅުވީ މިހާތަނަށް ރިޔާސަތުން ގޯހެއް ހަދާފައިވާ ކަމަށް ސެކްރެޓޭރިއަޓުން އަންގާފައި ނުވާ ކަމަށާއި މެންބަރުންނަކީ ޒިންމާދާރު ބަޔަކަށްވެ، ރައްޔިތުންނަށް ހަގީގަތާ އެއްގޮތަށް މައުލޫމާތު ދޭންޖެހޭނެ ކަމަށެވެ.