ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ބައިބައިކުރުމަށްޓަކައި އެކި ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްލާ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މި ރައްދު ދެއްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަންގު ޓީވީގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީ ބައިބައި ކުރުމަށްޓަކައި "ފާޑުފާޑުގެ ވާހަކަ" ދައްކާނެ ކަމެއް ނެތް ކަމަށާއި، ބަޔަކު ދައްކާހާ ވާހަކައަކަށް އެ ޕާޓީ ނުގުޑާނެ ކަމަށެވެ. ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި އެންމެ ބަދަހި ޕާޓީކަން ފާހަގަކުރައްވަމުން، އެއީ ބިނާކުރަނިވި ފިކުރުގެ ޕާޓީއެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ޕާޓީން އަބަދުވެސް އިސްކުރާނީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމު ކަމަށާއި، މުޅި ޕާޓީ އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއެކު ވަރަށް ގަދަކޮށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް މިފަދަ ބަހުގެ ހަމަލާއެއް ދެއްވާފައި މިވަނީ، ރައީސް މުއިއްޒުގެ މަގުބޫލުކަން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ސަރުކާރަށް ފާޑުވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. ނަޝީދު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ދައުލަތް ހިންގަވަނީ ވަޒީރުންނާއި ޕާޓީގެ އިސް ފަރާތްތަކާ މަޝްވަރާ ކުރެއްވުމެއް ނެތިއެވެ. އަދި މިކަމުގެ ސަބަބުން ގައުމުގައި ކަންކަން ހިނގާ ގޮތް ރައީސަށް އޮޅުންނުފިލާ ކަމަށާއި، އެމަނިކުފާނު ސިޔާސީ ގޮތުން އެކަނިވެރިވެފައިވާ ކަމަށްވެސް ނަޝީދު ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން، ޕީއެންސީގެ ލީޑާޝިޕްގައި ރައީސް މުއިއްޒުގެ މަގުބޫލުކަން ގެއްލިފައިވާ ކަމަށާއި، ކުރިއަށް އޮތް އިންތިހާބު އެ ޕާޓީއަށް ގެއްލޭނެ މަންޒަރު ފެންނަން އޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ޕާޓީގެ ސަލާމަތަށްޓަކައި މިހާރުން މިހާރަށް ލީޑާޝިޕުން ރައީސް މުއިއްޒު ދުރުކުރަންޖެހޭ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް، ޕީއެންސީން ދަނީ ރައީސް މުއިއްޒުގެ ލީޑާޝިޕް ދިފާއުކުރައްވައި، ޕާޓީގެ ތެރޭގައި އެއްވެސް ބައިބައިވުމެއް ނެތް ކަމަށް ބަޔާންކުރަމުންނެވެ.
