ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް ފެށުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.
މިރޭ ކުރިއަށް ދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ސަރުކާރާއި ޕީއެންސީގެ އިސް މަގާމުތަކުގައި ތިއްބެވި އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޕީއެންސީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގިނަ އިސްލާހުތަކަކާއެކު އެކުލަވައިލި އާ އަސާސީ ގަވާއިދު، މިއަދު ހެނދުނު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ ދަންފަޅީގައި ވަނީ ފާސްކޮށް އެންޑޯސްކޮށްފައެވެ. ޕާޓީ އުފެދުނީއްސުރެ މިހާތަނަށް އަސާސީ ގަވާއިދަށް ގެނެސްފައިވާ ހުރިހާ ބަދަލުތަކުގެ ތަފުސީލު މަންދޫބުންނާ ހިއްސާކުރުމަށްފަހު، މި ގަވާއިދު ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި 1،064 މަންދޫބުންގެ އިއްތިފާގުންނެވެ.
މި އިސްލާހުތަކާ ގުޅޭގޮތުން ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުހީ އާދަމް ވިދާޅުވީ، އަސާސީ ގަވާއިދު އަލުން ބައްޓަންކުރަން ޖެހުނު މައިގަނޑު ސަބަބަކީ ޕާޓީގެ މެންބަރުންގެ އަދަދު އިތުރުވެ، ހިންގުމުގެ ނިޒާމު އިތުރަށް ފުޅާކުރަން ޖެހުމުން ކަމަށެވެ. އަދި އާންމު މެންބަރުންނަށް ޕާޓީގެ އިސްސަފުން ފުރުސަތުތައް ފަހިކޮށްދިނުމަކީވެސް މީގެ މުހިންމު މަގުސަދެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އާ އަސާސީ ގަވާއިދުގެ ދަށުން ޕާޓީގެ ހިންގުން ވަރުގަދަކުރުމަށް މުހިންމު ގުނަވަންތަކެއް ވަނީ އަލަށް އުފައްދާފައެވެ. އޭގެ ތެރޭގައި:
- އިސްލާމީ ހަމަތަކާއި އަގުތައް ޕާޓީގެ ސިޔާސަތުތަކުގައި ދެމެހެއްޓުމަށް 'ދީނީ އިލްމުވެރިންގެ މަޖިލިސް'
- ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް 'އަންހެނުންގެ ހަރަކާތް'
- ޒުވާނުންގެ ބައިވެރިވުމާއި ލީޑަޝިޕް ވަރުގަދަކުރުމަށް 'ޒުވާނުންގެ ހަރަކާތް'
- ގައުމާއި ޕާޓީގެ ތަޖުރިބާކާރުންގެ ލަފައާއި ބައިވެރިވުން ހޯދުމަށް 'އިސްރަށްވެހިންގެ ހަރަކާތް'
މީގެއިތުރުން، ގައުމީ ސަލާމަތާއި، ސިއްހަތާއި، އިގުތިސާދާއި، ސައިންސް އަދި ޓެކްނޮލޮޖީ ފަދަ އެކި ދާއިރާތަކަށް ހާއްސަކޮށްގެން 15 ކޮމިޓީއެއް އެކުލަވައިލުމަށާއި، ދާއިރާތަކުގެ އިސްވެރިންނާއި ސްޓިއަރިން ކޮމިޓީތަކުގެ ދައުރު ސާފުކޮށް ބަޔާންކުރުންވެސް އާ ގަވާއިދުގައި ހިމެނެއެވެ.
މިއަދު ހެނދުނުން ފެށިގެން ޕީއެންސީ ކޮންގްރެސްގެ އެކި ހަރަކާތްތައް ފަށާފައިވާއިރު، މާދަމާ އެ ޕާޓީގެ އެތެރޭގެ އިންތިހާބުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންގްރެސްގައި 1،300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.
