ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް ގައުމުތައް ލޮކްޑައުން ކުރިތާ ކުރީކޮޅު އަމިއްލަ ގޭގައި ހިނގައިގެން 41 މިލިއަން ޑޮލަރު ޖަމާކޮށް، ސިއްހީ ދާއިރާއަށް ހަދިޔާކުރި ކެޕްޓަން ޓޮމް މޫއާއަށް ކޮވިޑް ޖެހި، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.
ކެޕްޓަން ޓޮމް މަރުވިކަން، އޭނާގެ ދަރިފުޅު، ހޭނާ އިންގްރާމް-މޫއާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރީ ރޭގެ ވަގުތެއްގައެވެ. އަދި ބައްޕަގެ ފަހު ވަގުތު ކޮޅަކީ، އުފާވެރި އަދި ހިތްދަތި ވަގުތު ކޮޅެއް ކަމަށް ވަނީ ބުނެފައެވެ.
ކެޕްޓަން ޓޮމް މޫއާ މަރުވުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ މި ހިތާމާގައި ބައިވެރިވަމުންނެވެ.
އެގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކެޕްޓަން ޓޮމްއަކީ ހިލޭ އެހީ ދިނުމަށް މުޅި ދުނިޔެއަށް ހިތްވަރު ދިން ޝަހްސެއް ކަމަށެވެ.
2 ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި އަސްކަރިއްޔާއަށް ހިދުމަތް ކުރި ކެޕްޓަން ޓޮމްއަށް ބައިނަލްއަގުވާމީ ސަމާލުކަން އަމާޒުވީ އޭނާގެ 100 ވަނަ އުފަން ދުވަހުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. އެއީ ހިނގަން ބޭނުން ކުރާ ފްރޭމްގެ އެހީގައި، އޭނާގެ ބަގީޗާ ތެރޭގައި އެކި ކޮޅުކޮޅަށް ހިނގައިގެން، ސިއްހީ ދާއިރާއަށް އެހީވުމަށް ފަންޑު ހޯދުމަށް ހިންގި ހަރަކާތާއެކުގައެވެ.
ކެޕްޓަން ޓޮމް މަސައްކަތް ފެށީ 1370 ޑޮލަރު (1000 ޕައުންޑް) ގެ ފަންޑެއްގެ އުއްމީދުގައެވެ. ނަމަވެސް އެ ކެމްޕޭނަށް 41 މިލިއަން ޑޮލަރު (30 މިލިއަން ޕައުންޑް)، ދުނިޔޭގެ އެކި ހިސާބުތަކުން ޖަމާކޮށްދިނެވެ. މި ކެމްޕޭނަށް ދުނިޔޭގެ ރެކޯޑް ފޮތުން 2 ޖާގަ ކަށަވަރުވިއެވެ. އިނގިރޭސި ރާނީ ދެއްވާ އެންމެ މަތީ އިއްޒަތް ކެޕްޓަން ޓޮމްއަށް ލިބުނެވެ. އޮޓޯބައޮގްރަފީއެއް ޝާއިއު ކުރުމުގެ ނަސީބު ލިބުނެވެ. އަދި ހިލޭ އެހީދޭ ޖަމިއްޔާއެއްވެސް އުފެއްދުނެވެ.
ކެޕްޓަން ޓޮމްއަށް ކޮވިޑް ޖެހި، ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަން ހާމަ ކުރީ މިމަހުގެ 1 ވަނަ ދުވަހު، އޭނާގެ ދަރިފުޅު ހޭނާ އިންގްރާމް-މޫއާއެވެ. ހޭނާ އޭރު ބުނީ ފާއިތުވީ ހަފުތާތަކުގައި އޭނާގެ ބައްޕަ ދިޔައީ ނިއުމޯނިއާއަށް ފަރުވާ ހޯދަމުން ކަމަށާ، ކޮވިޑަށް ޕޮޒިޓިވްވީ ފަހުން ކަމަށެވެ.
ކެޕްޓަން ޓޮމް މޫއާ މަރުވިއިރު އޭނާގެ އުމުރަކީ 100 އަހަރެވެ.