ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއު ވުމަށް ޗައިނާގެ ސީނޯފާމުން ތަރައްގީ ކޮށްފައިވާ ވެކްސިންގެ ޑޯޒްތަކެއް ލިބިފައިވާ ކަން ހެލްތު އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ކަށަވަރު ކޮށްދީފިއެވެ.
ރާއްޖޭގެ ކޮވިޑް ހާލަތާ ގުޅިގެން ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އެޗްއީއޯސީގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގު ވިދާޅުވީ، ހެޔޮ އެދޭ ފަރާތަކުން ހަދިޔާ ކޮށްފައިވާ 5 ހާސް ޑޯޒްގެ ސީނޯފާމް ކޮވިޑް ވެކްސިން ލިބިފައި ވާކަމަށެވެ.
ޗައިނާގެ ސީނޯފާމް އަކީ ޗައިނާގެ ދައުލަތުގެ ކުންފުންޏެކެވެ. ނަމަވެސް، މި ޝިޕްމަންޓަކީ ޗައިނާގެ ސަރުކާރުން ހަދިޔާ ކުރި ޝިޕްމަންޓެއް ނޫން ކަމަށްވެސް ޑރ ނަޒްލާ ވަނީ ވިދާޅުވެފައެވެ.
ޑރ ނަޒްލާ ވިދާޅުވީ، މިވެކްސިން ހުރީ ކަމާބެހޭ ފަރާތްތަކުގެ ސްޓޯރޭޖު ޔުނިޓްގައި ގުދަން ކޮށްފައި ކަމަށެވެ. ވެކްސިނާ ގުޅޭ އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށާ، މިކަމައިގެން ކުރިއަށް ދާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިރުޝާދާ އެއްގޮތަށް ކަމަށްވެސް ޑރ ނަޒްލާ ވަނީ އިޝާރާތް ކުރައްވާފައެވެ.
މީގެ އިތުރުން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެކުލަވާލާފައިވާ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖެއަށް ހަމަޖެހިފައިވާ ކޮވިޑް ވެކްސިން ސަޕްލައިގެ ބައެއް ވަރަށް އަވަހަށް ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަންވެސް ޑރ ނަޒްލާ ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮވިޑް-19 އިން ދިފާއު ވުމަށް ރާއްޖޭގައި ވެކްސިން ކެމްޕޭން ފަށާފައި ވާއިރު، މިހާރު ބޭނުން ކުރަމުން ދަނީ އިންޑިއާއިން ހަދިޔާ ކޮށްފައިވާ ކޮވިޝީލްޑް ވެކްސިނެވެ. ކޮވިޝީލްޑަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ އިން ތަރައްގީ ކުރި ވެކްސިންގެ ފޯމިއުލާއަށް އެ ލައިސަންސްގައި، އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އިން ސިނާއީ ފެންވަރުގައި އުފައްދާ ވެކްސިނެކެވެ.
ކޮވިޑް-19 އާ ދެކޮޅަށް ޗައިނާގައި ފުޅާ ދާއިރާއެއްގައި ބޭނުން ކުރާ 2 ވެކްސިންގެ ތެރޭގައި، ސީނޯފާމްގެ ވެކްސިން ހިމެނެއެވެ. އެ ވެކްސިނަކީ މިހާތަނަށް 50 ހާހަށް ވުރެ ގިނަ މީހުންގެ ހަށިގަނޑުގައި ޓެސްޓު ކޮށްފައި ވާ ވެކްސިނެކެވެ. 2 ޑޯޒްގެ މައްޗަށް އެކުލެވޭ މި ވެކްސިނަކީ 2-8 ޑިގްރީ ސެންޓިގްރޭޑްގައި ރައްކާ ކުރާ ވެކްސިނަކަށް ވާއިރު، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ސީނޯފާމްގެ ވެކްސިނަކީ، ކޮވިޑް-19އާ ދެކޮޅަށް 50 ޕަސެންޓް ކާމިޔާބު ވެކްސިނެކެވެ.