މި ފަހުގެ ތާރީހުގައި އެމެރިކާ ދުށް އެންމެ ގޮންޖެހުން ބޮޑު އެއް ލީޑަރަކީ ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކުރައްވަން ފެއިލްވެވަޑައިގެންނެވި ޑޮނާލްޑް ޓްރަމްޕް ކަމާ މެދު މުޅި ދުނިޔެވެސް އިއްތިފާގުވެއެވެ.

ޓްރަމްޕްގެ ވެރިކަން ނިމި، އުއްމީދީ ރައީސަކު ގައުމުގެ ހުންގާނާ ހަވާލުވެވަޑައިގަތުމަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް، ވިލާތުގެ އިއްތިހާދުން، އެމެރިކާގެ އާ ސަރުކާރުވެސް ނުރައްކަލަށް ހުށަހެޅި ފަދަ އެއްބަސްވުމެއް އެކުލަވާލިއެވެ.

އެބަޔަކާ ދެކޮޅަށް ޓްރަމްޕް، ވިޔަފާރީގެ ހަނގުރާމަ އިއުލާން ކުރެއްވި ޗައިނާއާއެކު ވިލާތުގެ އިއްތިހާދުން އެކުލަވާލި އިންވެސްޓްމަންޓް އެއްބަސްވުމާއެކު، އެމެރިކާގެ އާ ސަރުކާރުންވެސް ހަނގުރާމަ ދަންމާލާ، 3 ވަނަ ބައިވެރިއަކުވެސް އެކަމަށް ވައްދަން މަޖުބޫރުވީތޯ ސުވާލު އުފެދޭ ހިސާބަށް ދިޔައެވެ.

އެމެރިކާ، ވިލާތުގެ އިއްތިހާދު އަދި ޗައިނާ ރަމްޒު ކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ޓެކްޒިން

ޖޯ ބައިޑަންގެ ސަރުކާރުގެ އަމަލީ މަސައްކަތްތައް ފެށުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ވިލާތުގެ އިއްތިހާދުން ޗައިނާއާއެކު އެކުލަވާލި އިންވެސްޓްމަންޓް އެއްބަސްވުމަކީ 7 އަހަރުގެ މަޝްވަރާތަކުގެ ނަތީޖާއެވެ. ނަސީބު ހަމަ ރަނގަޅަށްވެސް ހިފީ ޗައިނާގެ ހުދުމުހުތާރު ސަރުކާރުގެ އަތުގައެވެ. އިންސާނީ ހައްގުތަކުގެ މައްސަލާގައި މުޅި ދުނިޔެއިން ޗައިނާ އެކަހެރިކޮށްފައި ވަނިކޮށް ވިލާތުގެ އިއްތިހާދުން ސޮއި ކުރި އެއްބަސްވުމާއެކު ޗައިނާއަށް އާ ދިރުމެއް ލިބުނު ފަދައެވެ.

ބައިޑަންގެ އޮފިޝަލުން އޭރުވެސް ގެންދެވީ މި އެއްބަސްވުމާ ދެކޮޅު ހައްދަވަމުންނެވެ. ޓްރަމްޕްގެ ރައުޔުގައި ނޫން ނަމަވެސް، ނުރުހުން ފާޅު ކުރައްވަމުންނެވެ.

އީޔޫ-ޗައިނާ ކޮމްޕްރިހޭންސިވް އެގްރީމަންޓް އޮން އިންވެސްޓްމަންޓް (ކައި)ގެ ނަމުގައި އެކުލަވާލި އެއްބަސްވުމަކީ، ވިލާތުން ބުނާ ގޮތުގައި، ޗައިނާގެ ދައުލަތުން ކޮންޓްރޯލް ކުރާ ކުންފުނިތަކާ ވާދަ ކުރުމަށް ތަނަވަސްވާ ފުރުސަތެކެވެ. ޗައިނާއަކީ، ވިލާތުން 2 ވަނައަށް އެންމެ ގަދައަށް ވިޔަފާރި ކުރަމުން އަންނަ މަންޒިލެވެ. 1 ނަންބަރު ގައުމަކީ އެމެރިކާއެވެ.

އެމެރިކާ، ވިލާތުގެ އިއްތިހާދު އަދި ޗައިނާ ރަމްޒު ކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ޕޮލިޓިކޯ

ވިލާތުން ބުނަމުން ދަނީ މި އެއްބަސްވުމަކީ ޗައިނާގެ 1.4 ބިލިއަން ޑޮލަރުގެ ކޮންޒިއުމާ ބާޒާރުގެ ތެރެއަށް ވަނުމަށް މުހިންމު އެއްބަސްވުމެއް ކަމަށެވެ. މި އެއްބަސްވުމުގެ ވާހަކަ އޮބިގެން ނުދަނީސް އެމެރިކާގެ އާ ސަރުކާރުން ވެރިކަމާ ހަވާލުވެ، ދޭދޭ ގުޅުންތައް ބަދަހި ކުރުމުގެ މަޝްވަރާތައް އާންމު އުސޫލުން ފެށިއެވެ.

މި މޭރުމުން ވިލާތުގެ އިއްތިހާދާއާއި އެމެރިކާއާއި ދެމެދުވެސް މަޝްވަރާތައް ފެށިއެވެ. މިކަމުގައި އެމެރިކާގެ ފަރާތުން އިސްކޮށް ހުންނެވީ ހާރިޖީ ވަޒީރު އެންޓޯނީ ބްލިންކިންއެވެ. ވިލާތުގެ އިއްތިހާދުގެ ފަރާތުން ހުންނެވީ ހާރިޖީ ސިޔާސަތުތަކާ ބެހޭ އިސް މަންދޫބު ޖޯސެޕް ބޮރަލްއެވެ.

ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުގެ މަގާމަށް ފައި ވިއްދައިގެން އޮތް ޗައިނާއާ ގުޅުން ހުރި ކަންކަމުގައި، ވިލާތުގެ އިއްތިހާދާއި އެމެރިކާއިން ދޭދޭ ފެންވަރުގައި ދެމުންދާ އެއްބާރުލުން އެ ބަދަހިކަންމަތީ ދެމުން ގެންދިއުމަށް އެ ދެ ފަރާތުން އެއްބަސްވި ކަމުގެ އިޝާރާތެއް ދުނިޔެއަށް ދިނެވެ.

ކަންމިހެން އޮތް ނަމަ، ކައިގެ ހަގީގީ މަގުސަދަކީ ކޮބާ ހެއްޔެވެ؟ ވިލާތުންވެސް ދުނިޔޭގެ 1 ނަމްބަރު އިގުތިސޯދުގެ މަގާމު ކަށަވަރު ކުރުމަށްޓަކައި އެމެރިކާއާއި ޗައިނާވެސް ވިލާތުގެ މުށުތެރެއަށް ލުމުގެ މަސައްކަތުގެ ފެށުމަކީ މިއީ ކަމަށް ވުމުގެ ފުރުސަތު އެބައޮތެވެ. ނުވަތަ ޗައިނާއިން އެމެރިކާގެ މައްޗަށް ކުރި ހޯދުމަށް، ވިލާތުގެ އެކުވެރިއަކަށް ވީ ހެއްޔެވެ؟ މިއީވެސް ބަހުސް ކުރެވިދާނެ މައުލޫއެކެވެ.

ބްރަސަލްސްގައި ހުންނަވާ އިގުތިސޯދީ ތަޖުރިބާކާރު ޖޭކަބް އެފް ކާކެގާޑް ވިދާޅުވާ ގޮތުގައި، މިކަމުން ދޭހަ ކޮށްދެނީ އެމެރިކާއާއި ޗައިނާގެ ހަނގުރާމާގައި ވަކި ފަރާތަކަށް ބުރަ ވުމަށް ވިލާތުގެ އިއްތިހާދުން ބޭނުން ނުވާ ކަމެވެ. މިކަމުގައި ވިލާތުން އިހުތިޔާރު ކުރަނީ އިސްތިރާޖީ ގޮތުން ދެފަރާތުންވެސް ކާމިޔާބު ހޯދުމަށް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ކާކެގާޑް ވިދާޅުވީ، މިއީ ޗައިނާއަށްވެސް މާ ފަސޭހަ ކަމަކަށް ނުވާނޭ ކަމަށެވެ. އެހެނީ، ވިލާތުގެ އިއްތިހާދު ނުވަތަ އެމެރިކާ ރުޅިއަރުވާ ލެވިއްޖެ ނަމަ، ދެ ބާރުން އެކުގައި ޗައިނާއާ ކުރިމަތިލުމުގެ ބިރު އޮތުމެވެ. މިއީ ޓްރަމްޕް އިއުލާން ކުރެއްވި ހަނގުރާމައަށް ވުރެ ވަރުގަދަ ހަނގުރާމައަކަށް ވާނެ ކަން އެއްވެސް މީހަކަށް އޮޅިފައެއް ނުވެއެވެ.