ރޭ މާލޭގައި ހިންގި މާރާމާރީތަކުން އަނިޔާވި 3 މީހަކަށް ފަރުވާ ދެމުން ދާ ކަމަށާއި އެކަކަށް ފަރުވާ ދެމުންދަނީ އައިސޫޔޫގައި ބާއްވައިގެން ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަުމުން އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަން ވިދާޅުވީ ރޭ ހިނގި މާރާމާރީތަކުގައި އަނިޔާވި ތިން މީހަކަށް އެ ހޮސްޕިޓަލުން ފަރުވާ ދެމުންދާ ކަމަށެވެ.

އެގޮތުން އަނިޔާވި މީހުންގެ ތެރެއިން އެކަކު މިވަގުތު އޮތީ އައިސީޔޫގައި ކަމަށާއި އަނެކަކަށް ސާޖިކަލް ވޯޑުގައި ފަރުވާ ދެމުން ދާއިރު ތިން ވަނަ މީހާ ޕްރައިވެޓް ރޫމަކަށް ބަދަލު ކޮށްފައިވާ ކަމަށް މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

ރޭ މާލޭގައި ހަތަރު މާރާމާރީއެއް ވަނީ ހިންގާފައެވެ. އެގޮތުން ރޭ ފުރަތަމަ މާރާމާރި ހިންގާފައި ވަނީ 07:35 ހާއިރު ކިންގް ސަލްމާން މިސްކިތް ކައިރި އޮންނަ ދަނޑު ސަރަހައްދުގައެވެ. މި މާރާމާރީގައި މީހަކަށް އަނިޔާވި ކަމެއް ނޭނގެއެވެ.

ދެވަނަ މާރާމާރި ހިނގާފައިވަނީ ރޭ 09:15 ހާއިރު އާސަރީ ހިނގުމުގައެވެ. މި މާރާމާރިގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައި ވެއެވެ. އެއީ އުމުރުން 36 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ތިން ވަނަ މާރާމާރީ ހިނގާފައިވަނީ ރޭ 11:26 ހާއިރު ވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި 2 ގްރޫޕެއްގެ ދެމެދުގައެވެ. މި މާރާމާރީގައި ތިން މީހަކަށް އަނިޔާވެފައި ވާއިރު އޭގެ ތެރެއިން ދެ މީހަކު އައިޖީއެމްއެޗަށް އަދި އެކަކު އޭޑީކޭއަށް ގެންގޮސްގައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލާގައި ފަސް މީހަކު ހައްޔަރުކުރި ކަމަށާއި އޭގެ ތެރޭގައި 3 ކުޑަކުދިން ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

ހަަތަރު ވަނަ މާރާމާރީ ހިންގާފައި ވަނީ ރޭ 01:32 ހާއިރު ގ. މުތީ ގޯޅީގައެވެ. މި ހާދިސާގައި މީހެއްގެ ބޯފަޅައިގެން ދިއުމުގެ ސަބަބުން އައިޖީއެމްއެޗުން ފަރުވާ ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިމާރާމާރީ ހިންގި މީހުން ދުއްވި ކަމަށް ބެލެވޭ ސައިކަލް ތަކެއް ޓޯ ކޮށްފައި ވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.