ކޮވިޑް-19 އަށް ޕޮޒިޓިވްވެ 28 ދުވަސް ވެފައިވާ މީހުންނަށް ވެސް ވެކްސިން ޖެހޭނެ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެެއެވެ.
ޑރ. ނަޒްލާ މިހެން ވިދާޅުވީ ރޭ ބެއްވި ނުސްވެރިންގެ ބައްދަލުވުމުގައި ވެކްސިންނާ ބެހޭގޮތުން މައުލޫމާތު ދެއްވަމުންނެވެ.
ކޮވިޑަށް ވެކްސިން ދިނުން މިއަދު ހެނދުނު ފަށާއިރު ވެކްސިން ޖަހާ މީހުންގެ ތެރޭގައި ޕޮޒިޓިވް ވެގެން ރަނަގަޅު ވެފައިވާ މީހުން ވެސް ހިމެނޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
އެގޮތުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޝަރުތެއްގެ ގޮތުގައި އެމީހަކު ޕޮޒިޓިވްވި ފަހުން 28 ދުވަސް ހަމަވެފައި ވާން ޖެހޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ، އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލްގައެވެ.
މީގެ އިތުރުން އައްޑޫ އާއި ހދ. ކުޅުދުއްދުށީގައި ވެސް މާދަމާ ކޮވިޑް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އައްޑޫ ސިޓީ އިން އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް އަދި ކުޅުދުއްފުށީގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވެކްސިން ދޭނެއެވެ.
ކޮވިޑް-19 ބަލިމަޑުކަމުން ރައްކާތެރިވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފަށާއިރު ފުރަތަމަ ޖަހާނީ ކުރީ ސަފުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށް އިސްކަން ދީގެން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އަދި ކުރިއަށް އޮތްތަނުގައި ވެކްސިން ޖަހަމުން ގެންދާނީ، ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ އިސްކަން ދޭ ތަރުތިބާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެ އިތުރުން އެޗްޕީއޭއިން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދު ތަކެއްގައި ވެސް ކުރިޔަށް އޮތް ދުވަސްތަކުގައި ވެކްސިން ދޭން ފަށާނެ ކަމަށެވެ.