މި ހިނގާ 2021 ވަނަ އަހަރު، ހަމަހަމަ އުސޫލަކުން 2 ބިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް، ވެކްސިން ލޮޖިސްޓިކްސް އެލާޔަންސްގެ ނަމުގައި އިއްތިހާދެއް އިފްތިތާހު ކުރާނެ ކަން، އެކުވެރި އަރަބި އިބާރާތް (ޔޫއޭއީ)އިން ހާމަކޮށްފިއެވެ.
ޔޫއޭއިން މިކަން ހާމަ ކުރީ، ގަވަމަންޓް އޮފް ދުބާއީ މީޑިއާ އޮފީހުން އާންމު ކުރި ބަޔާނެއްގައެވެ.
މަޝްހޫރު އެމިރޭޓްސް އެއާލައިން، ލޮޖިސްޓިކްސް ކުންފުނި ޑީޕީވޯލްޑް، ދުބާއީ އެއާޕޯޓްސް އަދި ފާމަސޫޓިކަލް އުފެއްދުންތައް އުފައްދާ ފަރާތުގެ އިތުރުން ސަރުކާރުގެ އިދާރާތަކުން، މި އިއްތިހާދުގެ ދަށުން އެއް ފުރާޅެއްގެ ދަށަށް ގެންދާނެ ކަމަށް ހަބަރު ލިބެއެވެ.
މި އިއްތިހާދު މެދުވެރިކޮށް ވެކްސިން ފޯރުކޮށްދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ކުރިއަރަމުން އަންނަ ބާޒަރުތަކުގެ ތެރެއިން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު އާބާދީއަށް އެންމެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ތަންތަނަށް ކަމަށް ބަޔާނުގައިވެއެވެ. ފާމަސޫޓިކަލް ނުވަތަ ބޭސްވެރިކަމާ ގުޅޭ އުފެއްދުންތައް ސަޕްލައި ކުރުމަށް ދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ގޮތުން ގޮންޖެހުންތައް ކުރިމަތިމާ ފަރާތްތައްވެސް މި ގިންތީގައި ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.
ކޮވިޑް-19އަށް ފަރުވާއެއް ލިބުމުގެ ކުރިން ވެކްސިނެއް ލިބި، އެ ބޭނުން ކުރަން ފަށާފައި ވާއިރު، މުއްސަނދި ގައުމުތަކުން ވެކްސިންގެ ސަޕްލައި ހިސޯރު ކުރާ މައްސަލައަށް އަދިވެސް ފުރިހަމަ ހައްލެއް ނުހޯދެއެވެ. ކުރިއަރާފައިވާ، ތަނަވަސް ގައުމުތަކުން، ކޮވިޑް ވެކްސިން ސަޕްލައިގެ ބޮޑު އިންސައްތައެއް ގަނެފައި ވާ ކަމަށާ، އެ ގައުމުތަކުގެ އާބާދީއަށް 3 ބުރަށް ވެކްސިން ދެވޭ ވަރަށް އެފަދަ ގައުމުތަކުން ވެކްސިން ގަނެފައި ވާ ކަމަށް ޕީޕަލްސް ވެކްސިން އެލާޔަންސްގެ ނަމުގައި ހަރަކާތްތެރިވާ އިއްތިހާދަކުން ޑިސެމްބަރު 2020 ގައި ވަނީ ހާމަ ކޮށްފައެވެ.
ފަގީރު ހާލުގައި އޮތް 67 ގައުމެއްގެ ކޮންމެ 10 މީހަކުން 1 އަށް މި އަހަރު ވެކްސިން ލިބޭނެ ކަމުގައި އޮތީ ހަމައެކަނި އުއްމީދެއް ކަމަށްވެސް ބައިނަލްއަގުވާމީ ވެކްސިން ސަޕްލައިއަށް ފާރަވެރިވާ ޕީޕަލްސް ވެކްސިން އެލާޔަންސްއިން ވަނީ ބުނެފައެވެ.