ކޮވިޑް-19ގެ ވެކްސިނާ މެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ ފަރާތްތަކުން ސައްހަ ނޫން މައުލޫމާތު ފެތުރުން ހުއްޓާލުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން އިލްތިމާސް ކޮށްފިއެވެ.
އީސީން ބުނީ ކޮވިޑާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި، މިބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖޭގައި ވެސް ވެކްސިން ދިނުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
އެގޮތުން ކޮވިޑުން ރައްކާތެރިވުމަށް ދޭ ވެކްސިނާ މެދު ރައްޔިތުންގެ ހިތުގައި ޝައްކާއި ވަހުމް އަދި ބިރުވެރިކަން އުފެދޭ ގޮތަށް ސިޔާސީ ފޯރަމްތަކުގައި ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކުން ވާހަކަ ދެއްކުމަކީ އެކޮމިޝަނުން ވަރަށް ކަންބޮޑުވާ ކަމެއް ކަން އީސީން ވަނީ ފާހަގަކޮށްފައެވެ.
އީސީން ބުނީ އަންނަ އެޕްރީލް މަހުގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް ޕާޓީތަކުންނާއި ކެނޑިޑޭޓުން ތައްޔާރު ވަމުންދާއިރު ކެމްޕޭން ކުރުމަށާއި އިންތިހާބުގެ އެހެނިހެން މަސައްކަތްތައް ކުރުމަށް ރައްކާތެރި މާހައުލެއް ގާއިމްވެފައި އޮތުމަކީ އިންތިހާބުގައި ވޯޓުލާ މީހުންގެ އަދަދު އިތުރުވުމަށް މެދުވެރިވާނެ ކަމެއް ކަމަށެވެ.
އެހެން ކަމުން ކޮވިޑު އަދި ކޯވިޑަށް ރައްކާތެރިވުމަށް ދެވޭ ވެކްސިނާ ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތު ނުފެތުރުއްވުމަށް އަދި މި ވެކްސިން ސިޔާސީ ނުކުރެއްވުމަށް ސިޔާސީ ޕާޓީތަކަށާއި ސިޔާސީ ޕާޓީގެ މެންބަރުންނަށް އީސީން ވަނީ އިލްތިމާސް ކޮށްފައެވެ.