އެކަށީގެންވާ ގޮތެއްގައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރަމުން ދާ ނަމަ، ދަރިވަރުންގެ ކިބައިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރިގެން ނުދާ ކަމަށް އެމެރިކާގެ 2 ސްކޫލެއްގައި ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިޔަ ދިރާސާއެއް ބުނެފިއެވެ.
ޕްރީ-ޕްރިންޓް ސްޓަޑީގެ ކޮޕީއެއް އޮންލައިންކޮށް ޝާއިއު ކޮށްފައި ވާއިރު، އެ ރިޕޯޓްގައި ވާ ގޮތުން، މިދިޔަ އަހަރުގެ ފަހު ސެމެސްޓަރުގައި، 3500 ދަރިވަރުންގެ ތެރެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި ކަމަށް ފާހަގަކޮށްފައި ވަނީ 234 ދަރިވަރެކެވެ. ސްކޫލު މާހައުލުގައި ބަލި ފެތުރުމުގެ ސަބަބަކަށް ވީ އެންމެ 9 ޕަސެންޓް ދަރިވަރުން ކަމަށްވެސް ދިރާސާ ޓީމުން ވަނީ ބަޔާންކޮށްފައެވެ.
ދަރިވަރުގެ ކިބައިން ޓީޗަރަށް ނުވަތަ ޗީޓަރުންގެ ކިބައިން ދަރިވަރަށް، އެއްވެސް ސްކޫލެއްގައި ވައިރަސް ފެތުރިފައި ނުވާކަމަށްވެސް ރިޕޯޓްގައި ބަޔާންކޮށްފައި ވެއެވެ.
މި ދިރާސާ އެކުލަވާލުމަށް މަސައްކަތް ކުރެއްވި، ޔުނިވާސިޓީ އޮފް ޓެނެސީ ޑިޕާޓްމަންޓް އޮފް އެމާޖެންސީ މެޑިސިންގެ ޑރ ޑޭރިއާ ލޯންގް ވިދާޅުވީ، މިދިޔަ އަހަރުގެ އޯގަސްޓްމަހާއި ޑިސެމްބަރު މަހު ކުރިއަށް ގެންދިޔަ މި ދިރާސާއަކީ، މިހާ ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިޔަ މިފަދަ ފުރަތަމަ ދިރާސާ ކަމަށެވެ. ދިރާސާގެ ބޭނުމަށްޓަކައި، އެސިމްޓޮމެޓިކް ހުރިހާ ދަރިވަރުންނާއި މުވައްޒަފުންވެސް ކޮވިޑް-19އަށް ޓެސްޓު ކުރި ކަމަށް ޑރ ލޯންގް ވަނީ ފާހަގަ ކުރައްވާފައެވެ.
ދިރާސާގައި ބައިވެރިވި ކުރި 2 ސްކޫލަކީވެސް ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް، އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން ކަނޑައަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތައް، ހަރުކަށި ކަމާއެކު ތަންފީޒު ކުރަމުން އަންނަ ސްކޫލްތަކެކެވެ. އެގޮތުން މާސްކު ބޭނުން ކުރުމާއި، ޖިސްމާނީ ގައިދުރުކަން ތަންފީޒު ކޮށްފައި ވެއެވެ. އަދި ބައްޔަށް ސްކްރީން ކުރުމުގެ މަސައްކަތަކީވެސް ހާއްސަ ސަމާލުކަމެއް ދީގެން މި ސްކޫލްތަކުން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.
ދިރާސާ ޓީމުން ބުނީ ސްކޫލް ތެރެއިން ބަލި ފެތުރުނު ކޭސްތަކުގެ 72 ޕަސެންޓް ހިއްސާ ކުރަނީ މާސްކު އެޅުމަށް ކަނޑައަޅާފައިވާ ގަވައިދާ ހިލާފަށް އަމަލު ކުރި ކޭސްތައް ކަމަށެވެ. ސްކޫލް މާހައުލުން ބޭރުން ކޮވިޑް-19އަށް ޕޮޒިޓިވްވި ދަރިވަރުންނަށް ބަލާއިރު، ގިނައިން ފާހަގަ ކުރެވުނީ އާއިލާ ތެރެއިން ބައްޔަށް ހުށަހެޅުނު ކޭސްތަކާއި، ޕާޓީތަކާއި އެއްވުންތަކުގެ ޒަރިއްޔާއިން ވައިރަހަށް އިންފެކްޓްވި ކުދިން ކަމަށްވެސް ދިރާސާ ރިޕޯޓްގައި ބަޔާން ކޮށްފައިވެއެވެ.
ޑރ ލޯންގް އިތުރަށް ވިދާޅުވީ، ކުޑަ ކުދިންނަކީވެސް ކޮވިޑް-19 ޖެހި، އެކަކުގެ ގައިން އަނެކާގެ ގަޔަށް ވައިރަސް ފަތުރާ ބައެއް ކަމަށެވެ. ނަމަވެސް ސްކޫލް މާހައުލުން ކުއްޖާއަށް ބަލި ޖެހުމުގެ ފުރުސަތު، އެ ނޫން މާހައުލްތަކާ އަޅާ ބަލާއިރު ކުޑަ ކަމަށްވެސް ޑރ ލޯންގް ވަނީ ފާހަގަ ކުރައްވާފައެވެ.
މި ދިރާސާގައި ބައިވެރިކުރި 2 ސްކޫލަކީވެސް ކިންޑާގާޓަންއިން ފެށިގެން ގުރޭޑް 12 ގެ ނިޔަލަށް ކިޔަވާ ދޭ 2 ސްކޫލެވެ.