މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން އަމިއްލައަށް ރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށް ކުރިއަށް އަމާޒުކޮށް ޕްރޮގްރާމެއް ހިންގަން ސަރުކާރުން ނިންމައިފިއެވެ. އެ ޕްރޮގްރާމުގެ ދަށުން 500 އާއިލާއަކަށް އަހަރެއްގެ މައްޗަށް 26.7 މިލިޔަން ރުފިޔާ ހަރަދު ކުރުމަށް ނިންމާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން އިބްރާހިމް މުހައްމަދު ވިދާޅުވީ "އަމިއްލަ ރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދިނުން" ގެ ނަމުގައި އުސޫލެއް އެކުލަވާލައި އަންނަ މަހުގެ ތެރޭގައި ގެޒެޓް ކުރުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ.

އެހީއަށް އެދެވޭނީ އެ އުސޫލު ގެޒެޓް ކުރީމައި ކަމަށާއި އެ ޕްރޮގްރާމަކީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ޕްރޮގްރާމެއް ކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން ފުރަތަމަ ފިޔަވަހި ހާއްސަ ކުރަނީ މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް ކަމަށާއި ދެވަނަ ފިޔަވަހި ހާއްސަ ކުރަނީ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށް އިބްރާހިމް ވިދާޅުވިއެވެ.

އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމްގެ ތެރެއިން އިނާޔަތެއް ލިބޭތޯ ބަލާނެ. އާއިލާގައި ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ މައުލޫމާތު ހިމަނާނެ. ތައުލީމް ހާސިލް ކުރާ މީހުން ތިބިތޯއާއި ތައުލީމީ ފެންވަރު ބަލާނެ. މީގެ އިތުރުން ތެލަސީމިއާ ކުއްޖަކު ހުރިތޯ ނުވަތަ ދާއިމީ ބައްޔަކަށް ބޭސް ކުރާ ފަރާތެއް ހުރިތޯ ބަލާނެ. އެ ފަރާތްތަކުގެ ހާލަތު ބަލާފަ އެހީތެރިކަން ފޯރުކޮށްދޭނެ، ރަށުން ލިބެން ނެތިއްޔާ ކައިރި ރަށަކަށް ގެންގޮސްގެންވެސް އެ ހިދުމަތް ފޯރުކޮށްދޭން މަސައްކަތް ކުރާނެ
އިބްރާހީމް

އެ ޕްރޮގްރާމާ ގުޅޭގޮތުން އިތުރަށް އިބްރާހިމް ވިދާޅުވީ ބައިވެރިވާ ފަރާތްތައް ޝަރުތު ހަމަވޭތޯ ކަނޑައަޅާނީ އެކި މިނިސްޓްރީތައް ހިމެނޭ ގޮތަށް އެކުލަވާލާ ހާއްސަ ކޮމެޓީއަކުން ކަމަށާއި އެ ކޮމެޓީގެ ފަރާތުން، ރަށަށް ބަދަލުވާން އެދޭ މީހުންގެ ދިރިއުޅުމުގެ ހާލަތާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތައް ހިމަނާ އެސެސްމަންޓެއް ހަދާނެކަމަށެވެ.

މީގެ އިތުރުން އެ ޕްރޮގަރާމްގައި ރަށްރަށަށް ބަދަލުވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ދޭ ހާއްސަ އިނާޔަތެއްގެ ގޮތުން 20،000 ރުފިޔާއަށް ވުރެ މަތި ނޫން ލޯނެއް އިންޓަރެސްޓެއް ނެތި ދޫކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ލޯނަކީ ގެ މަރާމާތު ކުރުމަށާއި ފަރުނީޗަރުތައް ހޯދުމަށްޓަކައި ދޫކުރާ ލޯނެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ތިން އަހަރުން ދައްކާގޮތަށް އެއް އަހަރުގެ ގްރޭސް ޕީރިއަޑަކާ އެކު ދޫކުރާ ލޯނެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.