އެމެރިކާގެ 46 ވަނަ ރައީސް ޖޯ ބައިޑަން، މަގާމުގެ ހުވާ ކުރެއްވުމަށް މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ވޮޝިންގްޓަންގައި ކުރިއަށް ދިޔަ ހާއްސަ ރަސްމިއްޔާތުން ގިނަ ބައެއްގެ ސަމާލުކަން ހޯއްދެވި އެއް ޝަހްސަކީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގައި ވާމޮންޓް ތަމްސީލު ކުރައްވަމުން ގެންދަވާ ބާނީ ސޭންޑާޒްއެވެ.

ޖެކެޓާއި މާސްކެއް ތުރު ކުރައްވައިގެން، ގައިދުރުކަން ދަމަހައްޓަވައި އެކަނި ގޮތަކަށް، ފުން ހިޔާލަކަށް ގެއްލިވަޑައިގެން އިންނެވި ބާނީ ސޭންޑާޒްގެ މީމްތައް މުޅި ދުނިޔެ ފަތަހަ ކުރިއެވެ. ރާއްޖޭގެ ކެފޭތަކުގެ ޕޯސްޓަރުތަކުންވެސް ބާނީ ސޭންޑާޒް ޖާގަ ހޯއްދެވިއެވެ.

މީމްއާއި ޕޯސްޓަރުތަކާ ހިސާބުން ބާނީ ސޭންޑާޒްގެ އެ މަންޒަރަށް ނިމުމެއް ނެތެވެ. އެ މަންޒަރު ތަސްވީރުވާ ގޮތަށް ވޫލް އިން ވިޔެފައިވާ މި ބުދަކީ މި މަންޒަރުގެ އެންމެ އަގު ހުރި ފަރުމާއަށް މިވަނީ ވެފައެވެ.

މީލްސް އޮން ވީލްސްގެ ނަމުގައި ހިންގާ ހިލޭ އެހީދޭ ޖަމިއްޔާއަކަށް ފަންޑު ހޯދުމަށް ކުރިއަށް ގެންދިޔަ ނީލަމެއްގައި މި ބުދު ވިއްކާލީ 40000 އެމެރިކާ ޑޮލަރަށެވެ.

މި ބުދު ތައްޔާރު ކުރި ޓޯބީ ކިންގް ވަނީ، އީބޭގައި މި ބުދު ނީލަން ކިޔުމަށް ފަހު ލިބޭ ހުރިހާ ފައިސާއެއް، އެ ޗެރިޓީއަށް ހަދިޔާ ކުރާނެކަން ކަށަވަރު ކޮށްދީފައެވެ.

ބައިޑަން ސަރުކާރުގެ ފުރަތަމަ މީމްގެ ގޮތުގައި ދައުރުވާން ފެށި މި ފޮޓޯއަށް ބާނީ ސޭންޑާޒްގެ ކެމްޕޭން އޮފީހުންވެސް ވަނީ މަރުހަބާ ކިޔާފައެވެ. މި ފޮޓޯ ޖެހި ސްވެޓްޝާޓްތައް އެ ކެމްޕޭން އޮފީހުންވެސް މިހާރު ދަނީ ވިއްކަމުންނެވެ.

މިކަމާ ގުޅިގެން ސެނެޓާ ސޭންޑާޒް ވިދާޅުވީ، މިއީ އިންތިހާއަށް އުފާ ލިއްބައިދެނިވި ކަމެއް ކަމަށެވެ. އެހެނީ، ހިލޭ އެހީދޭ ޖަމިއްޔާއަކަށް އޭނާގެ ފަރާތުން ބޮޑު އެހީއެއް ލިބެމުން ދިއުން ކަމަށް ސެނެޓާ ސޭންޑާޒް ވިދާޅުވިއެވެ. ސޭންޑާޒްގެ ކެމްޕޭނުން ވިއްކާ ޓީޝާޓްތަކުގެ ފައިސާވެސް ހަދިޔާ ކުރަނީ މީލްސް އޮން ވީލްސް ޗެރިޓީއަށެވެ. އެހެން ކަމުން، މިހާރު މިއީ ޖޯކަކަށް ވުރެ ބޮޑަށް، ހެވެއް އެދިގެން ކުރާ ކަމަކަށް ވެފައި ވާ ކަމަށް ސެނެޓާ ސޭންޑާޒް ވިދާޅުވިއެވެ.