މަޝްހޫރު މަހުޖަނު އީލޯން މަސްކުގެ ސްޕޭސްއެކްސް ކުންފުނީގެ ރޮކެޓެއްގައި، ފުރަތަމަ ފަހަރަށް ޖައްވަށް ދަތުރުކުރާ ޕްރައިވެޓް ދަތުރުގެ 3 ބައިވެރިން ތައާރަފު ކޮށްފިއެވެ.

އެގްޒިއޯމް ސްޕޭސްއަށް މަސައްކަތް ކޮށްދެމުން އަންނަ ނާސާގެ ކުރީގެ އެސްޓްރޮނޯޓަކާ އެކު، އަންނަ އަހަރުގެ ޖެނުއަރީ މަހު، ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް) އަށް ކުރާ ފުރަތަމަ ޕްރައިވެޓް ދަތުރުގެ ބައިވެރިން ވަނީ، (ކޮންމެ ބައިވެރިއަކުވެސް) 55 މިލިއަން ޑޮލަރުގެ ފީއެއް ދައްކާފައެވެ.

ނާސާގެ ސްޕޭސް ސްޓޭޝަން ޕްރޮގްރާމް މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު، މިހާރު އެގްޒިއޯމް ކުންފުނީގެ ރައީސްގެ މަގާމުގައި ހުންނެވި މައިކް ސުފްރެޑީނީ ވިދާޅުވީ، އައިއެސްއެސްއަށް މީގެ ކުރިން ޕްރައިވެޓް ދަތުރެއް ކޮށްފައި ނުވާނެ ކަމަށެވެ.

މިޝަން ކޮމާންޑަރު މައިކަލް ލޯޕޭޒް-އަލްޖީރިއާގެ މޭސްތިރިކަމުގެ ދަށުން ޖައްވަށް ދަތުރުކުރާ އަނެއް 3 މީހުންނަކީ، ޖައްވަށް ދާން އިންތިހާއަށް ބޭނުންވެގެން އުޅޭ 3 މީހުން ކަމަށާ، އެގްޒިއޯމްއިން އެކަން ކޮށްދެނީ ކަމަށް ސުފްރެޑީނީ ވިދާޅުވިއެވެ.

އެމެރިކާގެ ފްލޮރިޑާއިން، ސްޕޭސްއެކްސް ޑްރެގަން ކެޕްސޫލްގައި މި ކުރޫ އުދުއްސާލުމަށް ފަހު، އައިއެސްއެސްއަށް ވާސިލުވުމަށް 2 ދުވަހެއް ވަރު ހޭދަވާނެ ކަމަށް ބެލެވެއެވެ. އަދި އެ ތަނުގައި 8 ދުވަސް ހޭދަ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގްޒިއޯމްގެ ފުރަތަމަ 3 ކަސްޓަމަރުންނަކީ ޑޭޓަންގެ ރިއަލް އެސްޓޭޓް ވިޔަފާރި ވެރިޔާ ލެރޯ ކޮނާ، ކެނެޑާއަށް ނިސްބަތްވާ މާކް ޕެތީ އަދި އިސްރާއީލުގެ ވިޔަފާރިވެރިއެއް ކަމަށްވާ އީތަން ސްޓީބެވެ. މިއީ އިސްރާއީލުގެ ފުރަތަމަ އެސްޓްރޮނޯޓް، އިލާން ރެމޯންގެ ގާތް އެކުވެރިއެއް ކަމަށް ބުނެވެއެވެ. ރެމޯން މަރުވީ، 2003 ވަނަ އަހަރު، ޖައްވީ އުޅަނދު "ކޮލަމްބިއާ" ގޮވި ހާދިސާގައެވެ.

ކަން މިހެން އޮތް އިރު، ރަޝިއާއިން ޖައްވީ ފަތުރުވެރިކަން ކުރިއަރުވަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. 2001 ވަނަ އަހަރުން ފެށިގެން އެ ގައުމުން އަންނަނީ އައިއެސްއެސްއަށް ދަތުރުކުރުމަށް ޓިކެޓް ވިއްކަމުންނެވެ. މީގެ އިތުރުން، ވާޖިން ގެލެކްޓިކްގެ ރިޗާޑް ބްރޭންސަން އާއި ޖެފް ބޭޒޯސްގެ ބްލޫ އޮރިޖިންއިންވެސް ދަނީ، ޕްރައިވެޓް ޖައްވީ ދަތުރުތައް ކުރުމަށް ރާވަމުންނެވެ. މި ދަތުރުތަކަކީ، މިއަހަރު ތެރޭގައި ފެށުން އެކަށީގެންވާ ދަތުރުތަކެކެވެ.