ވޭތުވެދިޔަ ތިން ދުވަހު ރާއްޖެއިން ކޮވިޑް ބަލި ޖެހިފައިވާ މީހުންގެ އަދަދުތައް 300 އަށް ވުރެ މައްޗަށް ދިއުމާއެކު ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބައްޔާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް މާލޭ ސަރަހައްދުގައި އަލުން ކާފިއު އިއުލާނުކޮށްފިއެވެ.

ދާދި ދެންމެއަކު އެޗްޕީއޭއިން ނެރުނު އިއުލާނެއްގައި ބުނީ 27 ޖެނުއަރީ 2021 ވަނަ ދުވަހުން ފެށިގެން ދަންވަރު 12:00 އިން ފަތިހު 00:4 އަށް، މާލެއާއި، ހުޅުމާލާ އަދި ވިލިމާލޭގައި، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށް މާލޭ ސަރަހައްދުގައި ކާފިއު އިއުލާނުކުރާ ކަމަށެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާފައިވާ މި އިއުލާނުގައި އިތުރަށް ބުނެފައިވަނީ ސިފައިންނާއި ފުލުހުން، ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެމުވައްޒަފުން ދުއްވާ އުޅަނދު ފަހަރުގެ އިތުރުން ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ފާސް ލިބިފައިވާ ފަރާތްތަކާއި މިއެންގުން މި އެންގުމުގެ ދަށުން ބޭރަށް ނުކުތުން މަނާ ކޮށްފައިވާ ވަގުތުގައި އެމަޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަން ޖެހޭފަރާތްތައް މިކާފިއުއިން އިސްތިސްނާވާނެ ކަމަށެވެ.

މީގެ އިތުރުން ފަތިސް ނަމާދަށް މިސްކިތަށް ދާ ފަރާތްތައް ވެސް މި ކާފިއުއިން އިސްތިސްނާވާނެ ކަމަށް އެޗްޕީއޭގެ އިއުލާނުގައިވެއެވެ.

އެޗްޕީއޭއިން ވަނީ މިހާރުން ފެށިގެން މާލޭ ސަރަހައްދުގައި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް ވެސް އަންގާފައެވެ.

ކޮވިޑާއި ދެކޮޅަށް އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައި މިވަނީ އިއްޔެ ރާއްޖޭއިން 145 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނިކޮށެވެ. އިއްޔެ މާލެއިން 93 މީހުން ބައްޔަށް ޕޮޒިޓިވްވި އިރު މީހުން ދިރިއުޅޭ ރަށްތަކުން 14 މީހުން، ހިންގަމުންދާ ރިސޯޓްތަކުން 36 މީހުން އަދި ލިވް އަބޯޑްތަކުން ދެ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އިއްޔެއަކީ މިއަހަރުގެ މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަސްވެސްމެއެވެ. މިއާއާއެކު ރާއްޖޭގައި މި ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 15،247 އަށް އަރާފައިވާ އިރު މިވަގުތު ބަލިޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 1،273 އަށް އުފުލިފައެވެ.