ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯއްދެއްވި އެމެރިކާގެ ސިއްހީ ތަޖުރިބާކާރު، ޑރ އެންތަނީ ފައޫޗީއަކީ، އެމެރިކާ ސަރުކާރުން އެންމެ ބޮޑު މުސާރަ އެއް ދޭ މުވައްޒަފު ކަން ހާމަވެއްޖެއެވެ.

ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމުގައި އެންމެ ބޮޑު މުސާރައެއް ލިބުނު މުވައްޒަފުގެ ގޮތުގައި ޑރ ފައޫޗީ ހިމެނިވަޑައިގަންނަވާއިރު، ޓްރަމްޕަށް ވުރެވެސް ބޮޑު މުސާރައެއް، ޑރ ފައޫޗީ ނެންގެވި ކަމަށް މައުލޫމާތު ލިބެއެވެ.

އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒަސްގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ޑރ ފައޫޗީ ވަނީ 2019 ވަނަ އަހަރު މުސާރައިގެ ގޮތުގައި 417608 ޑޮލަރު ކަށަވަރު ކުރައްވާފައި ކަމަށް، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން، "އޯޕަން ދަ ބުކްސް" އިން ކުރި ސުވާލުގެ ޖަވާބުގައި، އެންމެ ފަހުގެ ތަފާސް ހިސާބުތަކާ ހަވާލާދީ، އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

އެމެރިކާގެ ސިއްހަތާ ބެހޭ އިސް އޮފިޝަލު ޑރ އެންތަނީ ފައޫޗީ/ފޮޓޯ: ގެޓީއިމޭޖަޒް

މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު، ގާތްގަނޑަކަށް 18000 ޑޮލަރު އިތުރު އަދަދެކެވެ.

އޯޕަން ދަ ބުކްސްގެ ރެކޯޑްތަކަށް ބަލާއިރު، ޑރ ފައޫޗީވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، އެމެރިކާ ސަރުކާރުގެ 3 މުވައްޒަފަކު ވަނީ ޓްރަމްޕަށް ވުރެ ބޮޑު މުސާރަ ނަންގަވާފައެވެ. މި ހުރިހާ މުވައްޒަފުންނަކީވެސް ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ހިއުމަން ސާވިސަސް (އެޗްއެޗްއެސް) ގައި މަސައްކަތް ކުރައްވާ ޑޮކްޓަރުން ކަމަށް މައުލޫމާތު ލިބެއެވެ.

ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތްގެ ތަރުޖަމާނަކާ ހަވާލާދީ އިންސައިޑާއިން މިދިޔަ ޑިސެމްބަރު މަހު ރިޕޯޓް ކުރި ގޮތުގައި، ޑރ ފައޫޗީގެ އަހަރު ދުވަހުގެ މުސާރައަކީ 434312 ޑޮލަރެވެ.

އެމެރިކާގެ ސިއްހީ ތަޖުރިބާކާރު ޑރ އެންތަނީ ފައޫޗީ/ފޮޓޯ: އަލް ޑްރާގޯ

ރައީސްގެ މުސާރައަކީ އަހަރަކަށް 400000 ޑޮލަރެވެ. ނަމަވެސް، ވައިޓްހައުސްގައި ދިރިއުޅުއްވުމާއި، މަތިންދާ ބޯޓާއި، ހެލިކޮޕްޓަރާއި، ހެލްތު އިންޝުއަރަންސް ފަދަ އިތުރު އެތައް އިނާޔަތެއް ރައީސަކަށް ހުންނަށް ބޭފުޅަކާއި، އާއިލާއަށްވެސް އޮވެއެވެ.

އެމެރިކާގެ އާ ރައީސް، ޖޯ ބައިޑަންގެ ވެރިކަމުގައިވެސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒަސްގެ އިސްވެރިޔާގެ މަގާމުގައި ހުންނަވާނީ ޑރ ފައޫޗީއެވެ. އަދި ޗީފް މެޑިކަލް އޮފިސަރުގެ މަގާމުވެސް އަދާ ކުރައްވާނީ ޑރ ފައޫޗީ ކަމަށް މައުލޫމާތު ލިބެއެވެ.

1984 ވަނަ އަހަރުން ފަށައިގެން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒަސް ހިންގަވަނީ ޑރ ފައޫޗީއެވެ. މި މަގާމުގައި އޭނާ އަދާ ކުރައްވާ ދައުރާއެކު، ދުވާލަކު 20 ގަޑިއިރުވެސް އޮފީހުގައި ހޭދަ ކުރައްވާ ކަމަށް ހަބަރު ލިބެއެވެ.