އިދިކޮޅު ކޯލިޝަނުން މިއަދު އިލެކްޝަންސް ކޮމިޝަން ކުރިމަތީ ބޭއްވި އިހްތިޖާޖުގެ ތެރެއިން އެ ކޯލިޝަނުގެ ބައެއް ލީޑަރުންނާއެކު ޖުމްލަ 24 މީހަކު ހައްޔަރުކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އެ އެއްވުމުގެ ތެރެއިން މިހާތަނަށް 24 މީހަކު ހައްޔަރު ކޮށްފައި ވެއެވެ.

އޭގެ ތެރޭގައި އެއްވުން ލީޑުކުރަމުންދިޔަ އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއުގެ އިތުރުން ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ހިމެނެއެވެ.

މީގެ އިތުރުން އެ ކޯލިޝަންގެ ބައެއް ކައުންސިލް މެންބަރުންންވެސް ހިމެނެއެވެ.

އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން މިއަދު މެންދުރުން ފެށިގެން ކުރަމުންދިޔަ އިހުތިޖާޖުގައި އިލެކްޝަންސް ކޮމިޝަން ކައިިރިއަށް އެއްވެ އިންތިހާބު އަވަސް ކުރުމަށް ގޮވާލާ ވަނީ އަޑުއުފުލާފައެވެ. އެ މުޒާހަރާގައި ބައިވެރިން ވަނީ އަނިޔާވެރި ކަމާއި ބަދަލު ހިފުން ދޫކޮށްލައި ރައީސް ޔާމީން މިނިވަން ކުރަންވެސް ގޮވާލާފައެވެ.

އިދިކޮޅު މިއަދު މުޒާހަރާކޮށްފައިވަނީ ރައީސް ޔާމިނަށް ކޮށްފައިވާ ޖަލު ހުކުމަށް ހައިކޯޓުން ތާއީދު ކުރުމުން ސީދާ ހަރަކާތަށް ނުކުންނަން ނިންމުމަށް ފަހުއެވެ.