ޖެންޑާ މިނިސްޓްރީން ބަލަހައްޓަމުންދާ 11 ކުއްޖަކު ފުވައްމުލަކު ސިޓީގައި ހުންނަ އަމާން ވެށި ސެންޓަރަށް ބަދަލު ކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ވިލިމާލެ ކުޑަކުނދިންގެ ހިޔާއާއި ހުޅުމާލެ ފިޔަވަތިން ބަލަހައްޓާ ކުދިން ރަށްރަށުގެ އަމާން ވެއްޓަށް ބަދަލުކުރަނީ، އެކުދިން އާއިލީ އަދި އިޖުތިމާއީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.

ހިޔާއާއި ފިޔަވަތިން ފުވައްމުލަކު އަމާން ވެއްޓަށް ބަދަލުކުރި 11 ކުދިންނާއެކު މިހާރު އެތަނުގައި ޖުމްލަ 16 ކުދިން އެބަތިއްބެވެ.

ޖެންޑާއިން ބުނީ ބައެއް ހާލަތްތަކުގައި ކުޑަކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނެގި ނަމަވެސް، ސަރުކާރުގެ ވިސްނުމަކީ މާލޭގެ ތޮއްޖެހިފައިވާ މަރުކަޒުތަކުގައި ގެންގުޅުމުގެ ބަދަލުގައި މުޖުތަމައުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

އެ މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއްދެނީ މާލޭ ސަރަހައްދުގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ކުދިން ގެންގުޅުމުގެ ބަދަލުގައި، އެހެން ކުދިންނެކޭ ވެސް އެއްގޮތަށް މުޖުތަމަޢުގެ ތެރޭގައި ބޮޑުވުމުގެ ފުރުސަތު ހޯދައިދީ، އެ ފަދަ މާހައުލެއް ތަނަވަސް ކޮށްދިނުމަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ފުވައްމުލަކު ސެންޓަރަށް ކުދިން ބަދަލު ކޮށްފައިވާއިރު، މި މަހުގެ 6 ވަނަ ދުވަހު ށ. ފުނަދޫގެ އަމާން ވެއްޓަށް 16 ކުއްޖަކާއި ޑިސެންބަރު މަހުގެ 24 ވަނަ ދުވަހު ބ. އޭދަފުށީގެ އަމާން ވެއްޓަށް 17 ކުއްޖަކު ވަނީ ބަދަލު ކޮށްފައެވެ.