އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެއްވި އެ ޕާޓީގެ މިހާރުގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ކެމްޕޭން މެނޭޖަރެއް ހަމަޖައްސަވައިފިއެވެ.

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދާލަތު ޕާޠީގެ ރައީސް ހޮވުމަށް ބާއްވާ އިންތިހާބުގައި އޭނާގެ ކެމްޕޭން މެނޭޖަރަކަށް ޝެއިހް މުހައްމަދު ޝިފާން ހަމަޖައްސާ ކެމްޕޭން ކުރިއަށް ގެންދާނެ ގޮތް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އިމްރާން އިތުރަށް ވިދާޅުވީ މިރޭ ކެމްޕޭން ލޯންޗު އިވެންޓް އޮންނާނެ ކަމަށެވެ.

ޕާޓީގެ ރައީސް ކަމަށް މިނިސްޓަރު އިމްރާން ކުރިމަތިލައްވާފައިވާއިރު އިމްރާންގެ ރަނިންމޭޓުގެ ގޮތުގައި ޕާޓީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވަނީ އަހްމަދު ޝަރީފެވެ.

އިމްރާން ވިދާޅުވި ގޮތުގައި ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވަން ނިންމެވީ ގައުމުގެ ހާލަތު ހުރިހާ ގޮތަކުން ވީއެންމެ އަވަހަކަށް އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގައި އިމްރާންގެ ދައުރު މުހިންމު ކަމަށް އެ ޕާޓީގެ ގިނަ މެންބަރުން ފާހަގަކުރައްވާތީ ކަމަށެވެ.

މި އިންތިހާބުގައި އިމްރާން އާއެކު ވާދަކުރައްވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ. އަދި ޑރ. ޒާހިރުގެ ރަނިންމޭޓެއްގެ ގޮތުގައި ޕާޓީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވަނީ އަހްމަދު ނަޝީދެވެ.

އަދާލަތު ޕާޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭނީ ޖަނަވަރީ 27، 2021 ވާ ބުދަ ދުވަހުގެ 02:00 ގެ ނިޔަލަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓާ ކުރާ ޕާޓީގެ ކޮންމެ މެންބަރުންނަށެވެ.