ސޯޝަލް މީޑިއާގެ ބާރުތަކުން މުޅި ދުނިޔެ ފަތަހަ ކުރަމުން އަންނަ މި ޒަމާނުގައި ކޮންމެ ދުވަހަކީ ހައިރާންކަމާ އަންތަރީސް ކުރަނިވި އެތައް މަންޒަރެއް ފެނިގެއްލިދާ ދުވަހެކެވެ. މި ގޮތަށް ފެންނަ ބައެއް މަންޒަރުތަކުގެ ތެރެއިންވެސް، މަޝްހޫރު ސެލެބްރިޓީންނާއި ގައުމުތަކުގެ ސިޔާސީ ޝަހްސުންނާ ގުޅޭ ވާހަކަތައް ފެތުރެނީ ފަތުއަޑު ކިއާފައެވެ.

މިއީއެވެސް އެފަދަ ކަމެކެވެ. ސޯޝަލް މީޑިއާގައި ވައިރަލް ވަމުން އަންނަ މި މަންޒަރުން ފެންނަނީ އޮޓޯ ރިކްޝޯއެއްގައި އިން ޒުވާނެކެވެ. ކާކު ކަމެއްވެސް ވައިރަލް ޕޯސްޓް ހިއްސާ ކުރަމުންދިޔަ ގިނަ މީހުންނަކަށް ނޭނގެއެވެ. ވަނަވަރެއް ނޭނގެއެވެ. އެންމެ ކުޑަ މިނުންވެސް، އެ ޒުވާނާގެ ނަމެއްވެސް އޭރު ނޭނގެއެވެ.

އެނގޭހާވެސް އެއްޗަކީ، މި ޒުވާނާގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ވައިރަލް ވި ސަބަބެވެ. އެއްބައި މީހުންނަށް މި ޒުވާނާ ސިފަ ކުރެވުނީ، ޕާކިސްތާނުގެ ބޮޑުވަޒީރު، އިމްރާން ހާންގެ ގޮތުގައެވެ. އަނެއް ބަޔަކަށް މި ޒުވާނާ ސިފަކުރެވުނީ ބޮލީވުޑް ބަތޮލް، ރިތިކް ރޯޝަންގެ ގޮތުގައެވެ.

އެ ޒުވާނާގެ ނަޒަރު ހުއްޓިފައި ވާ ގޮތުން، އެއީ އިމްރާން ސިފަ ބަދަލުކޮށް ގައުމުގެ ހާލަތު ބައްލަވާލައްވަން ކުރައްވާ ދަތުރެއްގެ މަންޒަރު ކަމަށް ބުނެ، ހަޖޫ ޖަހާ މީހުންވެސް ސޯޝަލް މީޑިއާގައި އެބައުޅެއެވެ. އަނެއް ބަޔަކު ބުނަނީ އެއީ ރިތިކް ނުވަތަ އިމްރާންގެ ދަރިއަކަށްވެސް ވެދާނެ ކަމަށެވެ.

ކަން މިހެން އޮތްއިރު، ސިއާލްކޮޓްގައި ދުއްވަމުންދިޔަ އޮޓޯ ރިކްޝޯގައި އިން ޒުވާނާއަކީ، އިމްރާނަށް ވުރެ ފުރިހަމައަށް ގައުމުގެ ވެރިކަން ކުރާނެ ޒުވާނެއް ކަމަށް ބުނެ، އިމްރާނަށް ފުރައްސާރަ ކުރާ މީހުންވެސް އެބައުޅެވެ.

ޕާކިސްތާނުގެ ސިއާލްކޮޓްގެ ރިކްޝޯއެއްގައި ދަތުރު ކުރަމުންދިޔަ ޒުވާނާ (ކ) އަދި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން / ފޮޓޯ: ޕްރޯޕާކިސްތާން

ޒުވާނާގެ ވަނަރަށް ބަލާލަމާތޯއެވެ. މިއީ ރިތިކްއެއް ނޫނެވެ. އަދި ސިފަ ބަދަލުކުރި އިމްރާނެއްވެސް ނޫނެވެ.

ޕާކިސްތާނުގެ ސާމާ ޓީވީއިން މި ޒުވާނާ ހޯދިއެވެ. އެއީ ސްވަތު ޑިސްޓްރިކްޓްގެ ކަލާމް ވާދީއަށް ނިސްބަތްވާ ޝާހް ހުސައިންއެވެ.

ޝާހް އަކީ 3 ދަރިންގެ ބައްޕައެކެވެ. ސިއާލްކޮޓްގައި މިވަގުތު އޭނާ ހުރީ ކުޑަ ވިޔަފާރިއެއް ހިންގާށެވެ. ޕާކިސްތާނުގެ މީޑިއާއަކަށް ދިން އިންޓިވިއުއެއްގައި ޝާހް ބުނީ، އޭނާއަކީ އިމްރާން ކަމަށް ހީކޮށް ގިނަ ބަޔަކު އޭނާ ގާތަށް އަންނާތީ އުފާވާ ކަމަށެވެ.

ޕާކިސްތާނުގެ ސިއާލްކޮޓްގެ ރިކްޝޯއެއްގައި ދަތުރު ކުރަމުންދިޔަ ޒުވާނާ (ވ) އަދި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ޒުވާން ދުވަސްވަރު / ފޮޓޯ: ސިއާސަތު

ޝާހްއަކީ އިމްރާންގެ ފޭންއެކެވެ. ހުރީވެސް އިމްރާންއާ ބައްދަލު ކޮށްލުމުގެ އުއްމީދުގައެވެ. ނަމަވެސް އެއީ ކޮން ދުވަހަކުން ވާނެ ކަމެއް ކަމެއް ނޭނގެއެވެ.

އެނގޭހާވެސް އެއްޗަކީ، މިއީ އެކްޓު ކުރުމުގެ ހުނަރު ހުރި ޒުވާނެއް ނަމަ، އިމްރާންގެ ރޯލު އަދާ ކުރުމަށް އެންމެ އެކަށީގެންވާ ޝަހްސު ކަމެވެ. ނުވަތަ ރިތިކްގެ ބޯޑީ ޑަބަލްއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ވެސް ފުދޭނެ ޒުވާނެއް ކަމެވެ.