އަދާލަތު ޕާޓީގެ ރައީސް ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ މިހާރުގެ ރައީސް އިމްރާން އަބްދުﷲ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ކުރިމަތިލައްވައިފިއެވެ.

އަދާލަތު ޕާޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

އެ އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތު އިއްޔެ ހަމަވެފައި ވާއިރު މަގާމުތަކަށް އެދި ހުށައަޅާފައިވާ ފަރާތްތަކުގެ ނަން ތައް އެޕާޓީން ވަނީ ހާމަކޮށްފައެވެ.

އެގޮތުން ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ ހޯމް މިނިސްޓަރު އިމްރާނާއި އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރެވެ. އިމްރާންގެ ރަނިންމޭޓުގެ ގޮތުގައި ޕާޓީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވަނީ އަހްމަދު ޝަރީފެވެ. އަދި ޑރ. ޒާހިރުގެ ރަނިންމޭޓެއްގެ ގޮތުގައި ޕާޓީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވަނީ އަހްމަދު ނަޝީދެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭނީ ޖަނަވަރީ 27، 2021 ވާ ބުދަ ދުވަހުގެ 02:00 ގެ ނިޔަލަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓާ ކުރާ ޕާޓީގެ ކޮންމެ މެންބަރުންނަށެވެ.

މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމަށް މިހާރު ހުޅުވާލާފައިވާ ކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ.

ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދަފްތަރުގައި ނަން ހިމެނިފައިވޭތޯ ބެލުމަށް ނުވަތަ ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 27 ޖެނުއަރީ ވާ ބުދަ ދުވަހުގެ 14:00 ގެކުރިން މި ވެބްސައިޓަށް ވަދެ، ދަފްތަރުގައި ނަން ހިމެނިފައިވޭތޯ ބަލައި އަދި ޝަކުވާއެއް ވާނަމަ އޮންލައިންކޮށް ހުށަހެޅުމަށް އެޕާޓީން ވަނީ އެދިފައެވެ.