ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އާއި ފިލްމީ ތަރި ޒިޔާ އެންގޭޖް ވެއްޖެއެވެ.

މައުލޫމާތު ލިބޭގޮތުން އެ ދެމީހުން އެންގޭޖް ވެފައި ވަނީ ރޭގެ ވަގުތެއްގައެވެ.

އިއްޔެ އެންގޭޖްވި ކަން އިއުލާނުކޮށް، ޝިދާތާ ފޮޓޯއަކާއެކު ފޭސްބުކްގައި ކުުރެއްވި ޕޯސްޓުގައި ވިދާޅުވިގޮތުގައި މިއީ ދިރިއުޅުމުގެ އާ ފެށުމެއް ކަމަށާއި ލޯބިން ހިތްފުރިފައިވާ ކަމަށެވެ.

އޭގެ އިތުރުން ޒިއާވަނީ ޝިދާތާ ޓެގުކޮށް "އަ ޑޭޓް ޓުބީ ރިމެމްބާޑް، ރަންކުލަ ޖެހި ލޯބިން" ކެޕްޝަނާ އެކު ޕޯސްޓެއްވެސް މީސްމީޑިއާގައި ހިއްސާ ކޮށްފައެވެ.

ޝިދާތާ ޓެގުކޮށް “އަ ޑޭޓް ޓުބީ ރިމެމްބާޑް، ރަންކުލަ ޖެހި ލޯބިން” ކެޕްޝަނާއިއެކު ޒިއާ ހިއްސާ ކުރި ޕޯސްޓްގެ ސްކްރީން ޝޮޓެއް

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ފޮޓޯއިން ފެންނަގޮތުން ޒިޔާއާއި ޝިދާތާގެ އެންގޭޖް ހަފްލާގައި އާއިލާ މީހުންނާއި ރައްޓެހިންވެސް ބައިވެރިވެފައި ވެއެވެ.

އެނގިފައިވާ ގޮތުގައި އެ ޖޯޑު މިހާރު އަންނަނީ ކައިވެނި ޕާޓީއަށް ތައްޔާރު ވަމުންނެވެ. ވަރަށް އަވަހަށް ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ބައެއް މީހުން ބުނެއެވެ. ޝިދާތާގެ އިތުރުން ޒިޔާ ވެސް މީގެ ކުރީގެ ކައިވެންޏަކަށް ކުދިން ތިބެއެވެ.

މިނިސްޓަރުގެ މަގާމުން މިދިޔަ އަހަރުގެ ފެބްރުއަރީ 6 ގައި ޝިދާތާ ވަނީ އިސްތިއުފާ ދެއްވާފައެވެ. އެއަށްފަހު ސިޔާސީ ކަންކަމުގައި އެހާ ހަރަކާތްތެރިވެ ނޫޅުއްވައެވެ.