ވެކްސިން ގުދަން ކޮށްފައިވަނީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ކޮވިޑް ވެކްސިން ބަހައްޓާފައިވަނީ ފިނިހޫނުމިން ހުންނަން ޖެހޭ މިންގަނޑުގައި ކަމަށެވެ. އަދި ރައްކާތެރިކޮށް މޮނީޓާ ކުރަމުން ދާ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.
އެޗްޕީއޭ އިން ބުނީ ވެކްސިން މިހާރު ބަހައްޓާފައި ހުރީ އެޗްޕީއޭގެ ކޯލްޑް ރޫމްގައި ކަމަށެވެ.
ކޮވިޑް-19އާ ދެކޮޅަށް އަވަށްޓެރި އިންޑިއާއިން ކުރަމުން އަންނަ ހަނގުރާމައިގެ ތެރެއިން، އަވަށްޓެރި ގައުމުތަކަށް ވެކްސިން ހަދިޔާ ކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން، އެ ގައުމުން އެންމެ ފުރަތަމަ ކޮވިޑް ވެކްސިން ފޯރުކޮށްދިން ގައުމަކީ ދިވެހިރާއްޖެއެވެ.
ބޮޑުވަޒީރު ނަރޭންދްރާ މޯދީ ތަންފީޒު ކުރައްވަމުން ގެންދަވާ "ފުރަތަމަ އަވަށްޓެރިޔާ" ސިޔާސަތުގެ ތެރެއިން، އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައި ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާ (އެސްއައިއައި) އިން ސިނާއީ ފެންވަރުގައި އުފައްދާ ކޮވިޝީލްޑް ވެކްސިނެވެ.
އޮކްސްފޯޑް/އަސްޓްރާޒެނީކާ ކުންފުނީގެ ކޮވިޝީލްޑް ވެކްސިންގެ 100000 ޑޯޒްގެ ވެކްސިން ރާއްޖެ ގެނެސްފައިވަނީ އިއްޔެއެވެ.
އިންޑިއާއިން ހަދިޔާ ކުރި ވެކްސިން ޑޯޒްތަކަކީ ފްރަންޓްލައިން ހިދުމަތްތެރިންނާއި ސިއްހީ ހިދުމަތްތެރިންގެ އިތުރުން، ސިއްހީ އެކި ބަލިތައް ތަހައްމަލު ކުރަމުން އަންނަ ފަރާތްތަކަށް ބޭނުންވާ ވެކްސިން ކަމަށް އިންޑިއާގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.
2 ޑޯޒްގެ މައްޗަށް އެކުލެވޭ އޮކްސްފޯޑް/އަސްޓްރާޒެނީކާ ކުންފުނީގެ ކޮވިޝީލްޑް ވެކްސިނަކީ ކޮވިޑް-19އާ ދެކޮޅަށް 90 ޕަސެންޓް ކާމިޔާބު ވެކްސިނެއް ކަމަށް، ދިރާސާތަކުން ދައްކައެވެ.
އިންޑިއާ ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރާއްޖެއަށް އިއްޔެ ފޯރުކޮށްދިން ވެކްސިން ޝިޕްމަންޓާއެކު، މި ބަލިމަޑުކަމުން އަރައިގަނެވިދާނެ ކަމުގެ އުއްމީދު އާވެފައި ވާ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ސިއްހީ މާހިރުންގެ އިރުޝާދާއެކު ރާއްޖެއިން ކުރަމުން ދިޔަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މުޅި ރާއްޖެއަށް ވެކްސިން ކަށަވަރު ވެފައި ވާ ކަމުގެ ޔަގީންކަން މިހާރު ލިބިފައި ވާކަމަށް ވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.