ރާއްޖެ ގެނެސްފައިވާ ވެކްސިން އަކީ ޑަބްލިއުއެޗްއޯ އިން އަދި ގަބޫލުކުރާ ވެކްސިނެއް ނޫން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ރައްޔިތުންގެ އާންމު ސިއްހަތާއި ދުޅަހެޔޮ ކަމަކީ އެކޯލިޝަނުން އެންމެ އިސްކަންދޭ އެއް ކަން ކަމަށެވެ. އެގޮތުން ކިތަންމެ ބޮޑު ހަރަދެއް ކޮންގެން ނަމަވެސް ކޮވިޑުން ރައްކާތެރި ވުމަށް ރާއްޖެ ގެންނަން ވާނީ ޑަބްލިއުއެޗްއޯއިން އެޕްރޫވް ކޮށްފައި ވާ އެންމެ ފެންވަރު ރަނގަޅު އަދި ވެކްސިންގެ ރައްކާތެރިކަން އެ ޖަމުއިއްޔާއިން ކަށަވަރު ކޮށްދީފައިވާ ވެކްސިނެއް ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
އިދިކޮޅުން ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރައްކާތެރިކަން ކަށަވަރު ކޮށްފައިވާ ވެކްސިން ތަކެއް އެބަހުރި ކަމަށެވެ. ބަލިތަކުން ދިފާއުވުމަށް ޖަހާ ވެކްސިން އަކީ އެ ވެކްސިންއަކާ ގުޅޭގޮތުން ގިނަ ތަހުލީލުތަކެއް ކުރުމަށް ފަހު، ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ސިއްހަތާ ބެހޭ މާހިރުންގެ ރައުޔާއި އެއްގޮތަށް އުފައްދާ އެއްޗެއް ކަމަށް ވެސް އިދިކޮޅުން ބުނެއެވެ.
ނަމަވެސް ސަރުކާރުން މިހާރު ރާއްޖެ ގެނެސްފައިވާ ވެކްސިން އަކީ ޑަބްލިއުއެޗްއޯ އިން އަދި ގަބޫލުކުރާ ވެކްސިނެއް ނޫންކަމަށް ކޯލިޝަނަށް މައުލޫމާތު ލިބިފައިވާ ކަމަށް އިދިކޮޅުން ބުނެއެވެ. އަދި އެ ވެކްސިން އަކީ ތަހުލީލު ކުރުމުގެ މަރުހަލާގައި މިވަގުތު ހުރި ވެކްސިނެއް ކަމަށާއި އެ ވެކްސިނަކީ އެފްޑީއޭ އާއި ވެކްސިން އެޕްރޫވްކުރާ ކޮމިޓީ އިން ހުއްދަ ދީފައިވާ އެއްޗެއް ނޫން ކަމަށް ވެސް މައުލޫމާތު ލިބިފައިވާ ކަމަށް އިދިކޮޅުން ބުނެއެވެ.
އިދިކޮޅުން ބުނީ ކޮވިޑުގެ ބަލިމަޑުކަން ފެތުރެން ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައި ވުމާއެކު މި ބަލިން ރައްކާތެރި ވުމަށްޓަކައި ޑަބްލިއުއެޗްއޯއިން ގަބޫލުކުރާ ވެކްސިނަކަށް ދިވެހިން އިންތިޒާރު ކުރަމުން ދަނިކޮށް އެހެން ވެކްސިނެއް ރާއްޖޭގައި ޖަހަން ފެށުމަކީ އެ ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ އަދި ހިތާމަކުރާ ކަމެއް ކަމަށެވެ.
އެގޮތުން ޑަބްލިއުއެޗްއޯއިން އެޕްރޫވް ނުކުރާ ވެކްސިންއެއް ބޭނުން ކުރުމަށް އެއްވެސް ދިވެހި ރައްޔިތަކަށް މަޖުބޫރު ނުކުރުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ. އަދި ވެކްސިނެއް ތަހުލީލު ކުރުމުގެ މަރުހަލާއެއްގައި ދިވެހިން ބޭނުން ނުކުރުމަށް ވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.