އެތައް އަހަރަކަށް ދިގުލާ ގޮސްފައިވާ ހަނގުރާމަ ހުއްޓުމަކަށް ގެނެސް ހަމަޖެހުން ގާއިމު ކުރުމަށް އެކަށީގެންވާ ގޮތެއްގައި ސުލްހައިގެ މަޝްވަރާތައް ކުރިއަށް ނުގެންދެވި އޮތީ، ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން އެކަމުގައި ހަރަކާތްތެރި ދައުރެއް އަދާ ނުކުރާތީ ކަމަށް، އަފްޣާނިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފިއެވެ.

ސުލްހަ ގާއިމު ކުރުމަށް ކުރިއަށް ގެންދިޔަ ސުލްހައިގެ މަޝްވަރާތަކުގެ ފުރަތަމަ ބުރު ފެއިލްވީ އެއްވެސް ކޮޅެއްގައި ނުޖެހިއެވެ. އޭގެ ފަހުން އަނެއްކާ، އަފްޣާނިސްތާނުގެ ސަރުކާރާއި ތޯލިބާން ޖަމާއަތާ ދެމެދު ސުލްހައިގެ މަޝްވަރާތައް މިހާރު ގަތަރުގައި ދަނީ ކުރިއަށެވެ. ނަމަވެސް މިހާތަނަށް މަޝްވަރާ ކުރެވިފައި ވަނީ ދެވަނަ ބުރުގެ މަޝްވަރާތަކުގެ އެޖެންޑާއާ މެދުގައި އެކަންޏެވެ.

އަފްޣާނިސްތާނުގެ ރައީސް އަޝްރަފު ޣަނީގެ މީޑިއާ މުޝީރު ވަހީދު އުމަރު ވިދާޅުވީ، ކަން ދިމާވެފައި އޮތް ގޮތުން، ސުލްހައިގެ މަޝްވަރާތައް ކުރިއަށް ދަނީ "ފިނިހަކަ ދުވެލީގައި" ކަމަށެވެ. ތޯލިބާނުންގެ ސާފު ތަސައްވުރެއް ނެތް ކަމަށާއި، ތޯލިބާނުންގެ ފަރާތުން އެއްވެސް ވަރެއްގެ ބަދަލެއް ނުފެންނަ ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައެވެ.

އަފްޣާން ސަރުކާރުން ވަކާލާތު ކުރަމުން ދަނީ ދާއިމީ ގޮތެއްގައި ހަމަލާ ބަދަލު ކުރުންތައް ހުއްޓާލާ، ސަރުކާރު ހިންގުމުގެ ކަންކަން ހިމާޔަތް ކުރުމަށެވެ. ސަރުކާރު ހިންގުމުންގެ ކަންކަން ރިއާޔަތް ކުރަނީ، ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާތަކަށް ފަހު އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އަރާ، ތޯލިބާނުންގެ ސަރުކާރު ވައްޓާލި ފަހުން އެ ގައުމުގެ ސަރުކާރު ހިންގަމުން އައި އުސޫލުތަކަށެވެ.

ކަން މިހެން އޮތް ނަމަވެސް، ޖެނުއަރީ 6 ވަނަ ދުވަހު ދޯހާގައި ކުރިއަށް ގެންދިޔަ 2 ވަނަ ބުރުގެ މަޝްވަރާތަކަށް ފަހު، މާ ބޮޑު އިތުރު ކުރިއެރުންތަކެއް ލިބުނު ކަމަކަށް އަދި ހާމަކޮށްފައެއް ނުވެއެވެ. ސުލްހައިގެ މަޝްވަރާތަކަށް އެޅިފައި ވާ އެންމެ ބޮޑު ހިޔަންޏާކީ އަފްޣާނިސްތާނުގައި ހިންގަމުންދާ ސިލްސިލާ ހަމަނުޖެހުންތަކެވެ. އަދި މަތީ ފެންވަރުގެ އޮފިޝަލުންނާއި، ފަންޑިޔާރުންނާއި، ނޫސްވެރިންނާއި އެކްޓިވިސްޓުން ގަތުލު ކުރަމުން ދާ ދިއުމެވެ.

އުމަރު ވިދާޅުވީ ތޯލިބާނުންނަށް ނިސްބަތްވާ އިތުރު ގައިދީންތަކެއް މިނިވަން ކުރުމުގެ ޕްލޭނެއް މިވަގުތު ނެތް ކަމަށެވެ. އެހެނީ، މީގެ ކުރިން ގައިދީން މިނިވަން ކުރި ކުރުމަކުން، ހަމަނުޖެހުންތަކަށް ލުޔެއް ނުލިބުމުން ކަމަށްވެސް އުމަރު ވަނީ ފާހަގަ ކުރައްވާފައެވެ.

ސެޕްޓެމްބަރު 12، 2020 ގައި ސުލްހައިގެ މަޝްވަރާތައް ފެށުމުގެ ކުރިން އަފްޣާނިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ތޯލިބާނުންނަށް ނިސްބަތްވާ 5000 އަށްވުރެ ގިނަ ގައިދީން މިނިވަން ކޮށްފައެވެ. އެއީ އެމެރިކާގެ ސަރުކާރާއެކު މިދިޔަ އަހަރު ތޯލިބާނުން ހެދި އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ ބަދަލުގައި ތޯލިބާނުން ވަނީ ސުލްހަ ދަމަހައްޓާ، ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވާ އެއްބަސްވެފައެވެ.

ތޯލިބާނުންނާއެކު އެމެރިކާ ސަރުކާރުން އެކުލަވާލި އެއްބަސްވުމުގެ ދަށުން، މިއަހަރުގެ މެއި މަސް ނިމޭއިރު، އެމެރިކާގެ އަސްކަރީ ފައުޖުތައް އަފްޣާނިސްތާނުން ބާލާ ހުސްކުރާނެއެވެ.

ތޯލިބާން ޖަމާއަތާއި އަފްޣާން ސަރުކާރުން މިހާރު އިންތިޒާރު ކުރަމުން ދަނީ އެމެރިކާގެ އާ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގައި އަފްޣާނިސްތާނުގެ ސިޔާސަތަށް އަންނާނެ ބަދަލުތަކަކަށެވެ.