ޅ. ފެލިވަރު ބިންހިއްކުމާއި އެއްގަމުތޮށި ލުމުގެ މަޝްރޫ ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓިސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫގެ ބޭނުމަކީ ލަފާ ފުރޭ ބަނދަރަކާއި އެކު ކޯލްޑް ސްޓޯރޭޖް ވަސީލަތްތައް ފެލިވަރުގައި ފުޅާކުރުމަށް ބޭނުންވާ ބިން ހިއްކުން ކަމަށެވެ. އަދި މިމަޝްރޫގެ އަގަކީ 113.39 މިލިއަން ރުފިޔާ ކަމަށާއި މަޝްރޫއަކީ 365 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫގެ ދަށުން، 179،780.40 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް ބިންހިއްކުމާއި، 218.9 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިން ބޭރުތޮށި ލުމާއި، 574.6 މީޓަރުގެ ސަރަހައްދެއްގައި ޝީޓްޕައިލް ޖެހުން ހިމެނެއެވެ. މީގެ އިތުރުން 264.8 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 2،664 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

ޅ. ފެލިވަރު ބޮޑުކޮށް ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.