ހުޅުމާލޭގެ ފޭސް 2 ގައި 7000 ފުލެޓް ސަރަހައްދުގައި ބިދޭސީން ތިބޭ ތަނެއްގައި ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އަލިފާން ރޯވީ ހިޔާ ފްލެޓް ސަރަހައްދުގައި މަސައްކަތް ކުރާ ބިދޭސީން ތިބޭ އެކޮމަޑޭޝަން ބްލޮކެއްގައި ކަމަށެވެ.

ހެނދުނު 11 ޖަހާކަން ހާއިރު ހިނގި މި ހާދިސާގައި ރޯވި އަލިފާން 11:40 ހާއިރު ނިއްވަލެވިފައި ވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާ ހިނގަން މެދުވެރި ވި ގޮތެއް އަދި މީހަކަށް ގެއްލުމެއް ވި ކަމެއް ނުވަތަ ތަކެއްޗަށް ގެއްލުން ލިބުނު ކަމެއް އަދި ސާފެއް ނުވެއެވެ.

ހުޅުމާލެ ފޭސް 2 ގައި އިމާރާތް ކޮށްފައިވާ 7000 ހައުސިން ޔުނިޓަކީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އިމާރާތް ކޮށްފައިވާ ފްލެޓް ތަކެކެވެ. އެތަންތަން އިމާރާތް ކޮށް ނިންމާފައި ވާ އިރު، ފެނާއި އެނޫންވެސް އަސާސީ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ހިނގަމުން ދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދަނީ ހަމަޖައްސަމުންނެވެ.

ހިޔާ ފްލެޓް ތަކަކީ ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް ކުޑަ ކުއްޔެއްގައި ދިނުމަށް ސަރުކާރުން އިމާރާތް ކޮށްފައިވާ ތަންތަނަށް ވީ ނަމަވެސް، އެތަންތަން ބޭނުންވެގެން ކުރިމަތިލީ މީހުންގެ ތެރެއިން ޝަތުރު ހަމަވާ ފަރާތްތަކަށް އެތަންތަން އަދިވެސް ދީފައެއް ނުވެއެވެ.

މިހާރު ސަރުކާރުން މަސައްކަތް ކުރަނީ ހިނގަމުން މިދާ ޖެނުއަރީ މަސް ނިމުމުގެ ކުރިން ޝަރުތު ހަމަވި މީހުންގެ ދާއިމީ ފައިނަލް ލިސްޓް އިއުލާން ކުރުމަށެވެ. މީގެ ކުރިން އެތައް ބުރަކަށް ވަގުތީ ލިސްޓާއި ދާއިމީ ލިސްޓް އިއުލާން ކޮށް އާންމު ޝަކުވާއަށް ހުޅުވާލައި، ހުށަހެޅި ޝަކުވާއަށް ބަލައި އެކި އެކި ލިސްޓްތައް ނެރެފައި ވެއެވެ.