15 އަހަރުގެ އަންހެން ކުއްޖަކު ގްރޫމް ކުރި މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

މިކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަން (ކ، އއ، އދ، ވ އތޮޅު ހިމެނޭ ސަރަހައްދު) ގައި ހިމެނޭ ރަށެއްގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމާއި ޖިންސީ އަމަލު ހިންގުމަށް ގްރޫމް ކުރުވި މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލަ ހުށަހެޅީ މިދިޔަ ހުކުރު ދުވަހު ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން މިއަދު ކޯޓު އަމުރެއްގެ ދަށުން ދެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާ މައްސަލަތަކެކެވެ. އެހެންކަމުން ކުއްޖާގެ ކަރާމާތް ރައްކާތެރި ކުރުމަށް ކުއްޖާގެ ވަނަވަރު ނުވަތަ ކުއްޖާގެ ރަށާއި އަތޮޅު އަދި މައްސލަަ ހުށަހަޅާ ރަށާއި އަތޮޅު ފުލުހުން އާންމެއް ނުކުރާނެއެވެ. މިފަދަ މައްސަލަތަކުގައި ވަނަވަރު އާންމު ކުރުމަކީ ކުށެކެވެ.

14 އަހަރުގެ ކުއްޖަކު ގްރޫމް ކުރުން ނުވަތަ ކުށްތަކަށް އަރައިގަތުމަށް ތައްޔާރު ކުރި މައްސަލައެއް އަނެއްކާވެސް ފެންމަތިވެފައިވާއިރު، އިންޓަނެޓް މެދުވެރިކޮށް ކުދިން ގްރޫމް ކުރުމަކީ ރާއްޖޭގައި މިހާރު ކުރާ ކަމެކެވެ. މިކަމަށް ސަމާލުވެ، ބެލެނިވެރިން ކުދިން ރައްކާތެރި ކުރުމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ ގޮވާލައްވާފައެވެ.

ޖެންޑާ މިނިސްޓަރު ވަނީ، މެދުވެރިކޮށް ކުދިން ގްރޫމް ކުރުވުން ފަދަ ކަމެއް ހިނގާކަމުގެ ޝައްކެއްވާނަމަ އަވަހަށް އެކަން ފުލުހަށް ރިޕޯޓް ކުުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އިންޓަނެޓުގެ ޒަރިއްޔާއިން ކުށެއް ނެތް މައުސޫމް ކުދިންނަށް ވެސް މިފަދަ ކަންކަން ދިމާވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.