ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު ޖެނުއަރީ 21 ވަނަ ދުވަހު ލަންކާގެ އެއާޕޯޓްތައް ފަތުރުވެރިންނަށް ހުޅުވާލާއިރު، "ބަޔޯބަބްލް"ގައި ހިމެނޭ ކޮންމެ މަންޒިލަކަށްވެސް ފަތުރުވެރިންނަށް ޒިޔާރަތް ކުރެވޭނެ ކަމަށް އެގައުމުން ހާމަކޮށްފިއެވެ.

"ބަޔޯބަބްލް"ގައި 14 މަންޒިލެއް ހިމެނޭއިރު، މިއީ ލަންކާގެ ރެގިއުލޭޓަރުން ހާއްސަ ހުއްދައެއް ދޫކޮށްފައިވާ މަންޒިލްތަކެއް ކަމަށް މައުލޫމާތު ލިބެއެވެ. މިމަންޒިލްތަކަށް ޒިޔާރަތް ކުރާ ފަތުރުވެރިންނާއި ލަންކާގެ އާންމުންނާ އެއްވެސް ވަރެއްގެ ކޮންޓެކްޓެއް ނުހިނގާނެއެވެ. ފަތުރުވެރިންނާ ކޮންޓެކްޓް ވާނެ ހަމައެކަނި ބަޔަކީ ޓުއާ ގައިޑުންނާއި ހޮޓާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށް ލަންކާއިން ބުނެއެވެ. އަދި މި މީހުންނަކީވެސް ހަރުކަށި އުސޫލުތަކަކަށް އަމަލު ކުރާނެ ބައެއް ކަމަށް މައުލޫމާތު ލިބެއެވެ.

ޖެނުއަރީ 21 ވަނަ ދުވަހު ލަންކާގެ ބައިނަލްއަގުވާމީ ވައިގެ ބޯޑަރު ހުޅުވާއިރު، ދުވާލެއްގެ މައްޗަށް އެވަރޭޖު ކޮށް 3300 އެއްހާ ފަސެންޖަރުންނަށް މަރުހަބާ ކިއުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ސްރީލަންކާގެ އޭއާޕޯޓް އެންޑް އޭވިއޭޝަން ސާވިސަސް ޑައިރެކްޓާ (އޮޕަރޭޝަންސް) ޝިހާން ސުމަންސެކަރާ ވަނީ ވިދާޅުވެފައެވެ.

މީގެ ތެރޭގައި ހިމެނެނީ 2500 އެއްހާ ފަތުރުވެރިންނާ، ފައިސާ ދައްކާ އުސޫލުން ކަރަންޓީނަށް އަންނަ 750 މީހުން ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް، ލަންކާ ސަރުކާރުން އިންތިޒާމު ކޮށްގެން ހިންގާ ރިޕެޓްރިއޭޝަން ފްލައިޓްތަކުން އަންނަ ފަސެންޖަރުންގެ އަދަދުގައި ލިމިޓެއް ނޯންނާނެ ކަމަށްވެސް ހަބަރު ލިބެއެވެ.

ކޮވިޑް-19ގެ މި ބަލިމަޑުކަމުގެ ތެރޭގައި ލަންކާއަށް އެތެރެވާ ފަތުރުވެރިން މި ބައްޔަށް ޓެސްޓު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިކަން ކުރިއަށް ގެންދަނީ ހޮޓާތަކަށް ޗެކް-އިން ވުމުގެ ކުރިންނެވެ.

މި ދަނޑިވަޅަކީ ލަންކާގެ އެއާޕޯޓްތަކުގައި ޕީސީއާރް ޓެސްޓުތައް ހަދާ މިންވަރު އިންތިހާއަށް މަދު ކޮށްފައި ވާ ކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެކެވެ. ކަން މިހެން އޮތް އިރު، ލަންކާގެ އޮފިޝަލު ވިދާޅުވީ މިފަދަ ކަމެއް ނުހިނގާ ކަމަށާ، ނަމަވެސް، ކޮވިޑް-19އަށް ޓެސްޓު ކުރުމުގެ ކަންކަން ހޮޓާތަކުގައި ކުރިއަށް ގެންދިއުމަށް ނިންމާފައި ވާ ކަމަށެވެ.

އެއާޕޯޓްތައް ހުޅުވާލުމަށްފަހު ލަންކާއަށް އެތެރެވާ ފަތުރުވެރިން، އެ ގައުމުގައި ހޭދަ ކުރަންޖެހޭ އެންމެ މަދު ދުވަހުގެ އަދަދެއް ނެތް ކަމަށް ލަންކާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި 14 ދުވަހުގެ ކަރަންޓީނު ވާ ނުޖެހޭ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ. އެހެން ގޮތަކަށް ބަޔާން ނުކުރާހާ ހިނދަކު، ދުނިޔޭގެ ކޮންމެ މަންޒިލަކުންވެސް ލަންކާއަށް އެތެރެވެވޭނެ ކަމަށާ، މިވަގުތަށް ބަލާއިރު، އިނގިރޭސިވިލާތުން ލަންކާއަށް އެތެރެވުމަށް ހުރަސްތަކެއް އޮންނާނެ ކަމަށްވެސް ލަންކާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.