ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ޝަކުވާ ހުށަހަޅަން އިތުރު ފުރުސަތެއް ދިނުމަށް ފްލެޓް ކޮމިޓީން ނިންމުމާ ގުޅިގެން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލަތައް އިތުރަށް ނުބަލަން ނިންމައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު ވިދާޅުވީ ހިޔާ މަޝްރޫއުތަކުގެ ފްލެޓުތަކުގެ ވަގުތީ ލިސްޓުތައް އާންމު ކުރުމާއެކު އެކަމާ ގުޅޭ 100އަށް ވުރެ ގިނަ މައްސަލަ ހުށަހެޅިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިން ގޮތާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ފުރުސަތު ނުލިބޭ ކަމަށްބުނެ ހުށަހެޅިފައިވާ މައްސަލަތައް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މަޝްރޫއާއި ގުޅިގެން އޭސީސީއަށް މައްސަލަ ހުށަހަޅާފައިވަނީ ފްލެޓް ކޮމެޓީން ޕޮއިންޓް ދިނުމުގައި، ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު އިއުލާން ކުރިއިރު އެޗް7 ކެޓަގަރީ ފިޔަވައި އެހެން ހުރިހާ ބައެއްގެ ޝަކުވާ ހުށަހެޅުމުގެ ފަހު ތާރީހު ބަންދުވެ، ގިނަ ބަޔަކަށް އެ ފުރުސަތު ނުލިބުމުންނެވެ.

އަދި އެ ކެޓެގަރީ ތަކުގެ ޕޮއިންޓް ދޭ އުސޫލު އާންމުކުރިއިރު ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވެފައި ވުމުން އެކަމުގެ ޝަކުވާ ގިނަ ބަޔަކު ކޮށްފައިވާކަމަށާއި އެހެން ކަމުން އެ ކެޓެގަރީތަކަށް ޝަކުވާ ހުށަހަޅަން އިތުރު ފުރުސަތެއް ދިނުމަކީ އެންމެ އިންސާފުވެރިގޮތް ކަމަށް ފެންނަ ކަމަށް ބުނެ، ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީއަށް ލަފާ ދީފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ޝަކުވާ ހުށަހަޅަން އިތުރު ފުރުސަތެއް ދިނުމުން، އޭސީސީއަށް ހުށަހެޅުނު މައްސަލަތައް އިތުރަށް ނުބަލަން ނިންމާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިޔާ ފްލެޓްގެ ދާއިމީ ލިސްޓު ނެރުން ހުއްޓުވައިދިނުމަށް އޭސީސީއަށް ހުށަހަޅާފައިވާއިރު އެ މަޝްރޫއުގެ ދަށުން ފްލެޓްތައް ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓު މި ޖެނުއަރީ މަސް ނިމުމުގެ ކުރިން އާންމު ކުރާނެ ކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ބުނެފައި ވަނީ އިއްޔެއެވެ.