ގއ. ދެއްވަދޫން އިން ޕޮޒިޓިވް ކޭސްތަކެއް ފެނިގެން އުފެދިފައިވާ ކްލަސްޓާގެ ތެރެއިން 9 މީހަކަށް ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ކޮވިޑް ފެސިލީޓީގައި ފަރުވާ ދެމުންދާ 9 މީހުންގެ ތެރެއިން 8 މީހަކަށް ފަރުވާ ދެމުން ދަނީ ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީގައެވެ. އަދި އެކަކަށް ދަނީ ލ. ގަން ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންނެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފް އަހުމަދު ވިދާޅުވީ، ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީގައި މި ވަގުތު 8 މީހަކަށް ފަރުވާ ދެމުން ދާ ކަމަށެވެ. އޭގެ ތެރެއިން 2 މީހުންނަކީ ގއ. ދާންދޫން ޕޮޒިޓިވްވި މީހުން ކަމަށާއި ބަކީ ތިބި 6 މީހުންނަކީ ގއ. ދެއްވަދޫން ޕޮޒިޓިވް ވި މީހުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ވަގުތު އެ ފެސިލީޓިގައި ފަރުވާ ދެމުންދާ އެންމެންގެ ހާލު ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލ. ގަން ހޮސްޕިޓަލުގެ މެނޭޖަރު 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ފެސިލިޓީގައި މިވަގުތު 4 މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ލ. ފޮނަދޫއިން ޕޮޒިޓިވްވި ހަތަރު މީހުންގެ ތެރެއިން އެކަކު ކަމަށާއި އަދި ތ. ކިނބިދޫން ޕޮޒިޓިވްވި 3 މެންބަރުންގެ އާއިލާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ އެންމެންގެ ހާލުވެސް މިވަގުތު ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

ވިލިނގިލި ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ގއ. ދާންދޫން ޕޮޒިޓިވްވި ދެމީހުން ހިމެނެއެވެ. އެއީ 20 އަހަރުގެ އަންހެނަކާއި 66 އަހަރުގެ އަންހެނެއް ކަމަށް ދާންދޫ ކައުންސިލްގެ ރައީސް އިސްމާއިލް މުހައްމަދު ވިދާޅުވިއެވެ.

ދެއްވަދޫ ކްލަސްޓާ: 70 އަށް

  • ގއ. ދެއްވަދޫ: 55 މީހުން ޕޮޒިޓިވް
  • ކ. ހުޅުމާލެ: 3 މީހުން ޕޮޒިޓިވް
  • ގއ. ދާންދޫ: 6 މީހުން ޕޮޒިޓިވް
  • ލ. ފޮނަދޫ: 4 މީހުން ޕޮޒިޓިވް
  • ގއ. ވިލިނގިލި: 2 މީހުން ޕޮޒިޓިވް

ގއ. ދެއްވަދޫގައި ކޮވިޑް ފެތުރެން ދިމާވި ސަބަބު ދެނެގަތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދަނީ މަސައްކަތް ކުރަމުންނެވެ. މި ކޭސްތައް ފެނިފައި ވަނީ މިދިޔަ ޑިސެންބަރު ގައި އެ ރަށުގައި ފުރަބަންދުގައި ހުރި މީހަކަށް މައުލޫމާތު ނުބައިކޮށް ދެވި އޭނާ ކަރަންޓިނުން ދޫކޮށްލެވުމަށް ފަހު ނަތީޖާ ޕޮޒިޓިވްވި ކަން އެނގުމުން ކަމަށް ކުރިން އެޗްޕީއޭއިން ބުނެފައި ވެއެވެ. އަދި ޕޮޒިޓިވްކަން ބަލި މީހާއަށް އެނގުނު އިރު އޭނާ ވަނީ ގެއިން ބޭރަށް ނުކުމެ މީހުންނާ ކޮންޓެކްޓް ވެފައި ކަމަށް ވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.

މިހާތަނަށް އައި އރިު މި ކްލަސްޓާ އާ ގުޅިގެން ގއ. އަތޮޅުން ވިލިނގިލި، ދެއްވަދޫ އަދި ދާންދޫ މޮނިޓަރިންގެ ހާލަތަށް ވަނީ ބަދަލުކޮށްފައެވެ. އަދި އެ އަތޮޅު ފެރީ ކޮއިމަލާ 4 އިން ޕޮޒިޓިވްވި ފަރާތެއް ދަތުރު ކުރުމާ ގުޅިގެން އެ އަތޮޅުގެ އިތުރު 4 ރަށަކުން ވެސް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. އެ ރަށްރަށަކީ މާމެންދޫ، ކަނޑުހުޅުދޫ، ގެމަނަފުށި އަދި ކޮލަމާފުއްޓެވެ.